ރައީސުލްޖުމްހޫރިއްޔާ، ބަރްބަރީ މިސްކިތް ހުޅުއްވައިދެއްވައިފި

މަސްޖިދުލް ޔޫސުފުލް ބަރްބަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ހުޅުއްވައިދެއްވީ މިއަދުގެ އަޞުރު ނަމާދުގެ ވަގުތުގައެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބަރްބަރީ މިސްކިތަކީ 1400 މީހުންގެ ޖާގައިގެ، ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މިސްކިތެކެވެ.

އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން އިސްލާމީ ކަންތަކާއި ބެހޭ ވުޒާރާއިން މި މިސްކިތުގެ މަސައްކަތާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާއިރު ރޯދައާ ދިމާކޮށްވެސް އެކި ރަށްރަށުގައި ބިނާކުރި މިސްކިތްތައް ވަނީ ހުޅުވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މާލޭގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި އައު މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވިލިމާލެ މަސްޖިދުއްސަލާމް އަދި ޒިކުރާ މިސްކިތުގެ އަމަލީ މަސައްކަތްވެސް ރަމަޟާން މަހުގެ ފަހުން ފެށުމަށް ނިންމާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *