މާލެ ސިޓީގެ ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މާލެ ސިޓީގެ ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ހަވާލާދީ ސައްވީސް ނޫހުން ބުނެފައިވާ ގޮތުގައި މާލެ ސިޓީގައި 800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތްތައް އޭސީ ކުރުމަށް ރައީސް އިއުލާން ކުރެއްވި މަޝްރޫއުގެ ދަށުން ހަތަރު މިސްކިތެއްގެ މަސައްކަތް ނިންމައި، ރޭއިން ފެށިގެން އެ މިސްކިތްތައް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އޭސީ ކުރެވުނު މިސްކިތްތަކަކީ މަސްޖިދުލް ފުރުޤާން، މަސްޖިދުލް ޖަލާލުއްދީން، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލޭގައި ހުންނަ މަސްޖިދު އުމަރު ބިން ޚައްޠާބު އެވެ.

މި ހަތަރު މިސްކިތުގެވެސް ނަމާދު ކުރާ މައި ހޯލުގެ އިތުރުން އަންހެނުން ނަމާދު ކުރާ ބައި ވަނީ އޭސީ ކުރެވިފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ނޮވެމްބަރު 17، 2025 ގައި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ. އޭގެ ފަހުން މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް ވަނީ މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައިގައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ 4 މިސްކިތެއް އޭސީކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ތަރުޖަމާނު ހީނާ ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު މިސްކިތްތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *