ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ގާއިމްކުރި އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފިއެވެ.
ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.
މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޖިމް ޕާކުގަ (ޓާފް ދަނޑު ކައިރި) އެވެ. އެގޮތުން ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް މި ޖިމުގައި ބެހެއްޓިފައި ހުންނާނެކަމަށް އެޗްޑީސީއިން ބުންޏެވެ.
އެޗްޑީސީއިން ބުނިގޮތުގައި، މި މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެޗްޑީސީއިން "ސައްވީސް" ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށް އޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.


