7 އޮންލައިން ޕްލެޓްފޯމަކުން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން 7 އޮންލައިން ޕްލެޓްފޯމަކުން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން ރޯދަ މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނަމުން ދާނެ އެވެ. މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ:

  1. ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
  2. އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
  3. މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  4. ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
  5. ފަހިޕޭ މޯބައިލް އެޕް
  6. އަވަސް މޯބައިލް އެޕް
  7. ބަނޑޭރި ޕޭ ވެބްސައިޓް

މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

މީގެއިތުރުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކުރާ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވެސް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ހަމަޖައްސާފަ އެވެ. މި ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:

  1. 22 ފެބުރުވަރީން 9 މާޗަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
  2. 10 މާރިޗުން 19 މާޗަށް: ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުންނާއި ޒަކާތު ހައުސްއިން ބޭނުންކުރާނީ އެ ކަމަށް ޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލެވެ.

ފިތުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލް އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެ އެވެ. އަދި ފައިސާ ދައްކާ ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ އެވެ. އަދި، ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެ އެވެ.

މި ޕޯޓަލުގެ ސަބަބުން، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތް ރެކޯޑުކުރުމަށް، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ހިނގާ ނިޒާމެއް ވަނީ ގާއިމުކުރެވިފަ އެވެ. އަދި މިއާއެކު މޯލްޑިވްސް ޒަކާތު ހައުސްއަށް ވަގުތުން (ރިއަލް-ޓައިމް) ފިތުރު ޒަކާތް ބަލައިގަތުމުގެ މުޢާމަލާތްތައް މޮނިޓަރކުރެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *