ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އަވަސް ތަހުގީގެއް ހިންގުމަށް އެޗްއާރްސީއެމް އިން ނިންމައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަވަސް ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށް ސައްވީސް އޮންލައިނުން ރިޕޯޓްކޮށްފައިވެއެވެ.

އެޗްއާރްސީއެމް އިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، ޚާއްސަ އިސްކަމެއް ދީގެން އަވަސް ތަހުގީގެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްއާރުސީއެމް އިން މިފަދަ ތަހުގީގެއް ހިންގުމަށް މި ނިންމީ، މާލޭގެ ވެމްކޯ ސައިޓު ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން، އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މި ހާދިސާއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *