މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ ޏ. ފުވައްމުލައް ދޫޑިގަން. ގަސްދޮށުގެ / ޢަބްދުލްބާސިޠު (28އ)ގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވީ އިއްޔެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024ވަނަ އަހަރު ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ތެރެއިންނެވެ.

އެގޮތުން 2024 އޭޕްރީލް 27ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ ކަމަށާއި މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2024 ޖޫން 11ވަނަ ދުވަހު ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ ޢަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް ހިންގާފައިވާކަން ތަޙުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *