އައްޑޫ ސިޓީގެ ކައުންސިލްގެ ގޮނޑިތައް ފުރާލާނީ އެމްޑީޕީ ކެންޑިޑޭޓުން: ޝާހިދު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުން ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދާއި އެމްޑީޕީގެ އިސް ވަފްދެއް އައްޑޫއަށް ވަޑައިގެން އިއްޔެ ވަނީ އައްޑޫގައި ކެމްޕޭން ހަރަކާތްތައް ހިންގާފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ހަވާލާދީ އަވަސް އޮންލައިން އިން ވިދާޅުވި ގޮތުގައި، ޝާހިދު ވިދާޅުވީ ކައުންސިލްގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް ކާމިޔާބު ކުރުމަށް އައްޑޫ ރައްޔިތުން ހޭވައްލާ ތައްޔާރަށް ތިބި މިންވަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. އައްޑޫގައި އެމްޑީޕީގެ ރޫހު ދުވަހުން ދުވަހަށް ވަރުގަދަ ވަމުންދާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ އެމްޑީޕީގެ އައްޑޫ ސަޕޯޓަރުންނަށް ހިތްވަރުވެސް ދެއްވާފަ އެވެ.

ޝާހިދު ވިދާޅުވީ އައްޑުއާއި އެމްޑީޕީގެ ފިކުރު ވަކިނުކުރެެވޭނެ ކަމަށާއި އައްޑޫގެ ތަރައްގީގެ ފުރިހަމަ ތަސައްވަރެއް އޮތީ އެމްޑީޕީގައި ކަމަށެވެ.

"މި ސިޓީގެ ކައުންސިލްގެ ގޮނޑިތައް ފުރާލާނީ އެމްޑީޕީ ކެންޑިޑޭޓުން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ސިޓީގެ ތަރައްގީ ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށާއި އެހެންކަމުން އައްޑޫ ސިޓީ ކައުންސިލަށް އެހެން ޕާޓީތަކަށް ފުރުސަތު ދިނުުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ ފަސޭހަކަމާއެކު،" ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ މިއަހަރުގެ އޭޕްރީލް 4 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *