އަނބިމީހާގެ މަރުގެ ތުހުމަތުގައި ޖަލުގައި ހުރި މާވިން އިސްލާމްވެއްޖެ

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެފައިވާ ކަން އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.

އޮކްޓޫބަރު، 2021 މޭރީ މަރާލި މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.

މިހާރު އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ ސިޓީގައި އޮތީ މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމެވެ.

އެހެންވެ، އޭގެފަހުން މާވިންއާ ގާޒީ މުހާތަބު ކުރެއްވީ ވެސް ޔޫސުފްގެ ނަމުންނެވެ.

މާވިން އިސްލާމްވެފައިވާތީ އެކަމާ މެދު ދައުލަތުން ދެކޭ ގޮތް ސާފުކުރަން އޭނާގެ ވަކީލް ދައުލަތާ ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އާންމުކޮށް ދައުލަތުން މީހުންނާ މުހާތަބު ކުރަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔުމުގައި އޮންނަ ނަމުން ކަމަށް ވިދާޅުވި އެވެ.

މާވިން އިސްލާމްވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަދަބަށް ބަދަލު އަންނާނެތޯ މަޝްވަރާ ކުރުމަށްފަހު ދައުލަތުން އެކަން ހާމަކުރާނެ ކަމަށް ވަކީލް ނައުފަލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *