ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ރާއްޖެއިން ވަރަށް އަވަހަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެއްޖެ

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ހޯދުމަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އަވަހަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ވިދާޅުވެއްޖެ ކަމަށް އަދަދު އޮންލައިންގައި ރިޕޯޓްކޮށްފިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ. އެ ނިންމުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

އެ އެއްބަސްވުމަށް އަމަލުނުކުރުމަށް ކޮންޒަވޭޓިވް ޕާޓީ އާއި ރިފޯމް ޕާޓީން އަންނަނީ ބޮޑުވަޒީރު ކިއެ ސްޓާމާގެ ސަރުކާރަށް ގޮވާލަމުންނެވެ. އިއްޔެ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ފަރާޖު ވަނީ އެއްބަސްވުމާއެކު ކުރިއަށް ނުދިޔުމަށް ގޮވާލާފަ އެވެ.

ޗާގޯސްއާ ތާރީހީ އަދި އިގުތިސޯދީ ގުޅުންތައް އޮތީ މޮރިޝަސްއާ ނޫން ކަމަށާއި އެ ގުޅުންތައް އޮތީ ދިވެހިރާއްޖެއާ ކަމަށް ފަރާޖު ވިދާޅުވި އެވެ. ހަމައެކަނި ފަރަންސޭސިން ކުރި ކަމަކީ އެ ރަށްތަކުގެ ދިވެހި ނަންތައް ބަދަލުކުރުން ކަމަށް ފަރާޖު ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭ ދިވެހިރާއްޖެއިން އައިސީޖޭއަށް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އާ މައްސަލައެއް ހުށަހަޅާނެ. އަޅުގަނޑު އެދެން މި ހުރިހާ ކަމެއް މަޑުކޮށްލަދިނުމަށް،" ލޭބާ ޕާޓީގެ ސަރުކާރަށް ފަރާޖު ގޮވާލެއްވި އެވެ.

އެ މައްސަލާގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ދިވެހި ސަރުކާރުން ދެކޮޅު ހަދާ އެއް ސަބަބަކީ އޭގެ ސަބަބުން އިންޑިއާ ކަނޑުގައި ބާރު ގަދަ ކުރުމަށް ޗައިނާ އާއި އިންޑިއާ އާ ދެމެދު ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތް ކަމުން ކަމަށް ފަރާޖު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުން ޗާގޯސްއަށް ނިސްބަތްވާ ހަތަރު މީހުން އެ އަތޮޅުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަށް މިދިޔަ ހަފުތާގައި ވަނީ ގޮސްފި އެވެ.

ދިވެހި ސަރުކާރުން މިކަމުގައި އަމަލުކުރާނެ ވަކި ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެ މީހުންނަށް އެހީގެ ތަކެތި ފޮނުވުމަށް ރާއްޖެއަށް ވެސް މިދިޔަ ހަފްތާގެ ތެރޭގައި ފަރާޖު ވަޑައިގަތެވެ. އެ މީހުންނަށް ބޭނުންވާ ކާނާ އާއި ބޭހާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޯޓެއް ފޮނުވުމަށް ފަރާޖު ދިޔައީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *