ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މާފުކުރަން ކައުންސިލުން ފާސްކޮށްފި

މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 25.9 މިލިއަން ރުފިޔާ އަރާފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ ފްލެޓުތަކަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދޭން މާލޭ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ އިމާރާތްތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު ރައީސް މުއިއްޒަށް ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ވަނީ ކޮށްފަ އެވެ.

އެއަށް ފަހު، ގަލޮޅުގައި ހުންނަ ސިނަމާލެ އާއި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މި މަސް ތެރޭ މުލިއާގޭގައި ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ އެތަންތަނަށް އަރާފައިވާ ކުލީގެ ޖޫރިމަނާ މައާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމެވި އެވެ.

މި ފްލެޓުތަކަކީ މާލޭ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކަމުން، އެތަނުގެ ކުލީގެ ޖޫރިމަނާ މައާފުކޮށްދެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅާ ފާސްކޮށްގެންނެވެ. އެހެންވެ، މިއަދު އޮތް ކައުންސިލްގެ ރަސްމީ ޖަލްސާއަށް އެކަން ހުށަހަޅައި މިހާތަނަށް އަރާފައިވާ ކުލީގެ ޖޫރިމަނާ މައާފުކޮށްދޭން ވަނީ ފާސްކޮށްފަ އެވެ.

މޭޔަރު ކަމުގައި މިހާެރުގެ ރައީސް މުއިއްޒު ހުންނެވިއިރު ވެސް މިތަންތަނަށް އަރާފައިވާ ޖޫރިމަނާތައް މައާފުކުރަން ފާސްކޮށް، އެކަން ކޮށްފައިވެ އެވެ. އަދި އެކަން ކޮށްދެވަން ނިންމަވާފައިވާކަން ރައީސް މިހާރު އަނެއްކާވެސް އިއުލާންކުރައްވާފައިވާތީ އިތުރަށް ކައުންސިލުގެ ތަޅުމުން އެކަން ފާސްނުކޮށް ވެސް އެކަން ކުރެވޭނެ ކަމަށް ބުނެ ޕީއެންސީގެ މެންބަރުން ފެއްޓި ބަހުސްއާ އެކު މިއަދުގެ ޖަލްސާގައި ހޫނު ޒުވާބުތަކެއް ހިނގި އެވެ.

ނަމަވެސް، މި ބައްދަލުވުމުގައި ކައުންސިލުގެ ފައިނޭންސް ކޮންޓްރޯލަރު އަހުމަދު އިމާދު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން، ކައުންސިލުން ފާސްކޮށްގެން އެކަން ކުރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *