އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑަރކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމްއާއި އިތުރު ބަޔަކު ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
މި މައްސަލާގައި ހިމެނޭ މީހުން ދޫކޮށްލަން އެންގީ ތަޙުޤީޤަށް ޤާނޫނުން ދޭ އެންމެ ދިގު މުއްދަތު ހަމަވިއިރުވެސް ދަޢުވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މުއްދަތު މި މަހުގެ 2 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަދީމްގެ އިތުރުން މި މައްސަލާގައި ތުހުމަތުކުރެވެނީ ސ. ހިތަދޫއަށް ނިސްބަތްވާ އިބްރާހީމް ސިރާޖް، ޙަސަން އަލްފާފު، އަމީން މުޙައްމަދު، ސަލާމް ސަޢީދު، ޙާފިޘް ފައުޒީ އަދި ދ. ހުޅުދެލި، ޒަޙްނާ އަޙްމަދުގެ މައްޗަށެވެ. މި އެންމެންގެ މައްޗަށްވެސް ކުރެވެނީ ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތެވެ.
ޕީޖީ އޮފީހުން ބުނީ، ތަޙުޤީޤު މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ޤަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ ތަޙުޤީޤު މުއްދަތު ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފަ،"
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ތަޙުޤީޤު މުއްދަތުގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާނަމަ، ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަން ޖެހެއެވެ. އެހެންކަމުން، މި މައްސަލާގައި ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ފުލުހުންނަށް މިހާރު ވަނީ ލަފާދީފަކަމަށް ޕީޖީން ބުންޏެެވެ.
މި މައްސަލަ މިވަގުތަށް ޑިކްލައިންކުރި ނަމަވެސް، ޕީޖީ އޮފީހުން ބުނީ އައު ހެކި ލިބިއްޖެ ޙާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އަލުން ދަޢުވާކުރުމަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، އެކަމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ.
އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގެ ތުހުމަތަށް ފުލުހުން މި މީހުން ހައްޔަރުުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ފުލުހުން ބުނިގޮތުގައި، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ.


