ތެލާއި ގޭސް އުފުލާ ކަނޑުގެ މައި ދޮރާށީގެ ގޮތުގައި ބެލެވޭ ހޮރްމުޒް ކަނޑޯޅީގެ ފުރިހަމަ ކޮންޓްރޯލް މިހާރު ހޯދާފައިވާ ކަމަށާއި އެ ކަނޑު އޮޅި ހުރަސް ކުރެވޭނީ ޗައިނާގެ އުޅަނދު ފަހަރަށް އެކަނި ކަމަށް އީރާންގެ އިންގިލާބީ ލަޝްކަރުން މިއަދު ބުނެފި އެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުހިފުމަށް އީރާނުން އެމެރިކާގެ އަމާޒުތަކަށް ހަމަލާ ދެމުން ދާއިރު ސަރަހައްދުގެ އިގްތިސާދީ މަރުކަޒުތަކަށް ވެސް ގެއްލުން ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

"މިވަގުތު ހޮރްމުޒް ކަނޑޯޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާންގެ ކަނޑުގެ ސިފައިންގެ ބާރުގެ ދަށުގައި،" ސިފައިންގެ ނޭވީ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަކްބަރްޒާދީއާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.

އީރާން ސިފައިން މިހެން ބުނެފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ތެލާއި ގޭހުގެ ސަޕްލައިއަށް އީރާނުން ހުރަސްއަޅާ ނަމަ، ހޮރްމުޒް ކަނޑޯޅިން ޓޭންކަރުތަކަށް އެމެރިކާ ސިފައިންގެ ހިމާޔަތް ދޭން ތައްޔާރު ކަމަށް ވިދާޅުވެފަ އެވެ.

އީރާނުން ވަނީ ތެޔޮ އުފުލާ ބައެއް ޓޭންކަރުތަކަށް ހަމަލާ ވެސް ދީފަ އެވެ.

އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ ބައިވެރިވި މަގްސަދުތަކުގެ ތެރޭގައި އީރާންގެ ކަނޑުގެ ސިފައިން ބާރު ނައްތާލުމާއި މިސައިލްގެ ދިފާއީ ބާރު ކަނޑުވާލުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޓްރަމްޕު ވަނީ އީރާންގެ ކަނޑުގެ ސިފައިން އަށް އުޅަނދެއް ފައްތާލާފައިވާ ކަމަށާއި މިހާރު ކަނޑުގެ ސިފައިންގެ ބާރު ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.