ލާމަރުކަޒު ކުރުމުގެ ނަމުގައި މީގެ ކުރިން ހުރީ ބޮޑެތި އޮޅުވާލުންތައް ހިންގާފައި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ

ލާމަރުކަޒު ކުރުމުގެ ނަމުގައި މީގެ ކުރިން ހުރީ ބޮޑެތި އޮޅުވާލުންތައް ހިންގާފައި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކޮންގްރެސް ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅި ލާމަރުކަޒީ ނިޒާމު ބައްޓަންކުރައްވަމުން ގެންދަވަނީ ލާމަރުކަޒު ކުރުމުގެ އެންމެ ވަރުގަދައަށް ކަމަށެވެ.

ޖަވިޔަނި އޮންލައިނިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިސްޓަރު ޚަލީލް ވިދާޅުވީ ލާމަރުކަޒު ކުރުމަކީ ރާއްޖެ އޮތްގޮތާއި ރައްޔިތުންގެ ވިސްނުން އެނގިވަޑައިގެން ހުންނަވާ ބޭފުޅަކަށް، މުރާލިކަމާއި ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ ބޭފުޅަކަށް ނޫނީ ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

"ލާމަރުކަޒު ކުރުމުގެ ނަމުގައި ވެސް މީގެކުރިން ހުރީ ބޮޑެތި އޮޅުވާލުންތައް ހިންގާފައި. އޭގެތެރެއިން އަޅުގަނޑުމެނަށް ފެންނާނެ، ކައުންސިލްތަކަށް ބަޖެޓް ދޫކުރަނީއޭ ކިޔާފަ، ބަޖެޓް ދޫކޮށްފަ ބަޖެޓްވެސް ހިފަހައްޓާނެ. ނޫނީ އެ ކައުންސިލަކުން ކަމެއް ކުރިޔަކަ ނުދޭނެ." މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއްކަން އަބަދުވެސް ވިސްނަންވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ޚަލީލް ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް އެކަން ތަކުރާރު ކުރައްވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ފަށަލައަކަށް ނުވާނަމަ، އެކަމުގެ ގެއްލުން ދިވެހި ދައުލަތަށް ވަރަަށް ބޮޑަށް ކުރާކަމަށްވެސް ވިދާޅުވި އެވެ.

ކައުންސިލަކީ ސަރުކާރުގެ ފަށަލައަކަށް ވާއިރު ކައުންސިލްތަކުން އަބަދުވެސް ވިސްނަންވާނީ ސަރުކާރުގެ މައިގަނޑު އެޖެންޑާގައި ހުރި ކަންކަން ތަންފީޒު ކުރެވޭނެ ނިޒާމާއި ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ. އަދި ސަރުކާރަށް ހުރަސްއަޅާފަދަ ކައުންސިލްތަކެއް އަތުވެއްޖެނަމަ ބޮޑެތި ޕްރޮޖެކްޓްތަކަށް ހުރަސްއެޅުންފަދަ ކަންކަން ދިމާވެދާނެކަން މިނިސްޓަރު ޚަލީލް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ މާލޭގެ ރައްޔިތުން ދެވަނަ ވިސްނުމަކަށް ދާން ނުޖެހޭ ކަމަށާއި އެފަދަ ޖާގައެއްވެސް ނެތްކަމަށެވެ. އެހެންކަމުން އޭޕްރިލް 4 ވަނަ ދުވަހު ނިކުމެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް އެދިވަޑައިގަތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *