މީގެ 100 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ބިމުގައި އާ މިސްކިތެއް އަޅަން ނިންމުމުން، ބަންޑާރަ މިސްކިތް ހިމާޔަތްކޮށް ތާރީހު ދެމެހެއްޓުމަށް ގޮވާލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބަންޑާރަ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތްކުރަނީ ދީލަތި ފަރާތެއްގެ އެހީގައި ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
ޖުމްހޫރީ މައިދާން ކައިރިން އެސްޓީއޯ ސުޕަމާޓު ކައިރީ ހުންނަ ބަންޑާރަ މިސްކިތަކީ ރާއްޖެއަށް އަތްގަދަ ކުރަން އައި ޝީއީންގެ ގަބޫލުކުރުންތަކަށް ހެއްލިފައި ތިބި ވޯރާ ވިޔަފާރިވެރިން ބިނާކުރި މިސްކިތެއް ކަމަށް ބުނެވެ އެވެ. އޭރު އެ މިސްކިތަށް ކިޔަނީ ބުމްބާ މިސްކިތެވެ. ނަމަވެސް ފަހުން އެ މިސްކިތުގެ ނަން ބަންޑާރަ މިސްކިތުގެ ނަމަށް ބަދަލުކުރީ އެވެ.
އެހާ ޒަމާންވީ މިސްކިތެއް ނެތިގެންދާ ގޮތަށް އާ މިސްކިތެއް އަޅަން އުޅޭތީ، ތާރީހަށް ލޯބިކުރާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.
ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އެކްސްގައި ވިދާޅުވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ތާރީހާ ގުޅިފައިވާ އަދި މިހާރު 98 އަހަރުވެފައިވާ ތަނެއް ނައްތާލުމަކީ ތާރީހަށް ދެވޭނެ އިއާދަނުކުރެވޭނެ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޖިހު ސިފަ ކުރެއްވި ގޮތުގައި އެކަމަކީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ހިލާފު ކަމެކެވެ. އެކަން ހުއްޓުމަށް އިސްލާމިކް މިނިސްޓްރީ އާއި ތަރިކައާ ބެހޭ މިނިސްޓްރީއަށް ނާޖިހު ގޮވާލެއްވި އެވެ.
ނާޖިހުގެ އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އާސާރީ މިސްކިތްތަކިގެ ލިސްޓެއް އޮންނަ ކަމަށާއި މި މިސްކިތަކީ އާސާރީ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ނެތް ކަމަށެވެ.
ތާރީހީ ތަންތަން ނައްތާލުމުގެ ސިލްސިލާއެއް ހިނގަމުން އަންނަ ކަމަށް ތުހުމަތުކޮށްފައި ވާތީ މިނިސްޓަރު ވިދާޅުވީ އެފަދަ ކަމެއް ނެތް ކަމަށާއި ބަންޑާރަ މިސްކިތާއި ހުކުރު މިސްކިތް އަދި އީދު މިސްކިތް ވަރަށް ތަފާތު ކަމަށެވެ. އެ މިސްކިތްތަކަކީ އާސާރީ މިސްކިތްތަކެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އީދު މިސްކިތާއި ހުކުރު މިސްކިތް ރައްކާތެރިކަމާ އެކު ކަމާ ބެހޭ އިދާރާތަކުން ބަލަހައްޓަމުން އަންނަ ކަމަށެވެެ.
"ތަނަކަށް 100 އަހަރުވުމަކީ ހުރި ގޮތަށް ބަހައްޓަންޖެހޭ ސަބަބެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.
ތަނަކަށް ގިނަ ދުވަސްވުމަކީ އެތަނެއް ހުރި ގޮތަށް ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ޝަހީމް ވަނީ ގެފުޅަށް ވުރެ މާތް ތަނެއް ނުހުންނާނެ ކަމަަށާއި އެކަމަކު އެތަން ވެސް އެކި ޒަމާންތަކުގައި އާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަސްޖިދުލްހަރަމް އާއި ނަބަވީ މިސްކިތް ވެސް ވަނީ އެކި ޒަމާންތަކުގައި އާބާދީއާ އެއްވަރަށް ބޮޑުކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވަނީ ބަންޑާރަ މިސްކިތް ބޮޑުކުރަން ޖެހިފައި ވަނީ ބާޒާރުމަތީގެ އާބާދީ ބޮޑުވެ މިސްކިތްތަކަށް ބާރުބޮޑުވަމުން އަންނާތީ ކަމަށް ވިދާޅުވެފަ އެވެ. އަދި ދީނުގައި އޮންނަނީ މުސްލިމުންގެ މަސްލަހަތު އިސްކުރުމަށް ކަމަށް ވިދާޅުވި އެވެ.
"ބަންޑާރަ މިސްކިތް ބޮޑުކުރަން ޖެހެނީ އެ ސަރަހައްދުގައި މީހުން ގިނަވެ ވަކިން ހާއްސަކޮށް ބާޒާރު މަތީ އާބާދީ ބޮޑުވެ އެ މިސްކިތްތަކަށް ބާރު ބޮޑުވޭ. އަމުދުން ރޯދަ މަހު. އެހެންކަމުން އިސްލާމް ދީނުގައި އޮންނަނީ މުސްލިމުންގެ މަސްލަހަތު." ނާޖިހުގެ ޕޯސްޓަށް ދެއްވި ރައްދެއްގައި ޝަހީމް ލިޔުއްވާފައިވެ އެވެ.


