ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ނުކޮށްފިނަމަ ޓްރަމްޕުގެ ބޯޑް އޮފް ޕީސް އިން އިންޑޮނޭޝިއާ ވަކިވަނީ

ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ނުކޮށްފިނަމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަގައިގެން އުފެއްދެވި ބޯޑު އޮފް ޕީސް އިން އިންޑޮނޭޝިއާއިން ބުނެފިއެވެ.

ވެރިރަށް ޖަކާޓާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއާ ހަވާލާދީ އިންޑޮނޭޝިއަން އުލެމާ ކައުންސިލް (އެމްޔޫއައި) ގެ ޑެޕިއުޓީ ޗެއާމަން ކޮލީ ނަފީސް ވިދާޅުވީ ރައީސް ހުންނެވީ ފަލަސްތީނުގެ މިނިވަންކަމަށް ބޯޑު އޮފް ޕީސްގެ މަސައްކަތްތައް އަމާޒުކުރައްވަން އަޒުމް ކަނޑުއަޅުވައިގެންނެވެ. އަދި މި މައްސަލައަށް ވަކާލާތު ނުކޮށްފިނަމަ ހުންނެވީ ކައުންސިލުން ވަކިވާން ތައްޔާރަށް ކަމަށްވެސް ނަފީސް ވިދާޅުވިއެވެ.

ނަފީސް ވިދާޅުވީ އިންޑޮނޭޝިއާ ސަރުކާރުން ގަސްތުކުރަނީ މި ފޯރަމްގައި އަދާކުރާ ދައުރު ބޭނުންކޮށްގެން ފަލަސްތީނުގެ މަސްލަހަތަށް ވަކާލާތު ކުރުމަށް ކަމަށެވެ.

ސަން އޮންލައިނުގައިވާ ގޮތުގައި، ވަކިން ޚާއްސަކޮށް ފަލަސްތީނުގެ މައްސަަލައިގައި އިންޑޮނޭޝިއާ އިން ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރަން ޖެހޭނީ އދ. އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ފަދަ ބައިނަލްއަގްވާމީ މުއައްސަސާތައް މެދުވެރިކޮށް ކަމަށް ނަފީސް ވިދާޅުވިއެވެ.

ޕްރަބޯވޯ ވަނީ މީގެ ކުރިން ވެސް ޖަކާޓާގައި ދީނީ އިލްމުވެރިންނާ އެކު ބައްދަލުވުމެއްގައި އެ ބޯޑުން ވަކިވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މިދިޔަ މަހު ވޮޝިންޓަން ޑީސީގައި ބޭއްވި ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުމުގައި ޕްރަބޯވޯ ވަނީ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް 8،000 ނުވަތަ އެއަށް ވުރެ ގިނަ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދިޔަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިމުމަަކަށް ގެނައުމަށް އެއްބަސްވުން ގާއިމުކުރުމަށް، ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ޓްރަމްޕް އިސްނަންގަވައިގެން އުފެއްދެވި ބޯޑް އޮފް ޕީސް އިއުލާނުކުރީ މިދިޔަ އަހަރު ޖެނުއަރީ 15 ވަނަ ދުވަހެވެ.

ހަނގުރާމަ ހުއްޓާލުމުން ބޯޑަށް ޓްރަމްޕްގެ ތަސައްވުރު ބަދަލުވެ، ދުނިޔޭގެ އެހެން ހަމަނުޖެހުންތަކަށް ވެސް ހައްލު ހޯދުމަށް ބޯޑުގެ ދައުރު އަދާކުރާނެ ކަމަށް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.

'ބޯޑް އޮފް ޕީސް' ގައި ޓްރަމްޕަށް ވީޓޯގެ ބާރު ދީފައި ވާއިރު ބޯޑުގެ ވެރިކަން އޭނާއަށް އެމެރިކާގެ ރައީސްކަން ގެއްލުނު ކަމުގައި ވިޔަސް ނުގެއްލޭނެއެވެ. އަދި ދާއިމީ މެންބަރުންގެ ގޮތުގައި އެހެން ގައުމުތަކުން ތިބެން ބޭނުންވާ ނަމަ ކޮންމެ ދެ އަހަރަކުން އެއް ބިލިއަން ޑޮލަރު ދޭންޖެހޭނެއެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ނަމަވެސް، އެއްބަސްވުމާ ޚިލާފުވެ ހަނގުރާމަ ހުއްޓާލިފަހުންވެސް ފަލަސްތީނުގެ 618 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *