ހަފުތާއެއްގެ ތެރޭގައި ސްކޭމުގެ 55 މައްސަލަ؛ ފުލުހުން އެދެނީ ސަމާލުވުމަށް

މިމަހުގެ ފުރަތަމަ ހަފްތާ އެކަނި ސްކޭމްގެ 55 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ހަފްތާ ޖުމްލަ 494،712 ރުފިޔާގެ ގެއްލުން ވެފައިވެއެވެ.

ފުލުހުން ބުނީ އެހެން ނަމަވެސް އެ މުއްދަތުގައި 270،070 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.

ސްކޭމް ކޮށްގެން ފައިސާ ހޯދާފައި ވަނީ އޮންލައިން މެސެޖިން މަންސަތައް ބޭނުންކޮށްގެންނާއި އައިބޭ، ފޯން ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ބޭނުންކޮށްގެންނެވެ.

ފުލުހުން ބުނީ މިމަހުގެ ފުރަތަމަ ހަފްތާ އެންމެ ގިނައިން ސްކޭމް ހިންގާފައި ވަނީ އީ-ކޮމާސް މެދުވެރިކޮށް ކަމަށެވެ. އެ ބާވަތުގެ 27 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލުމުގެ 14 މައްސަލައަކާއި ފައިސާ މާރުކުރުމުގެ 7 މައްސަލައެއް ވެސް ހުށަހަޅާފައިވާކަން ތަފާސްހިސާބުތަކުން އެނގެއެވެ.

ފުލުހުން ބުނެފައި ވަނީ ވިޔަފާރި ކުރުމުގެ ކުރިން ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ސައްހަކަން ކަށަވަރު ކުރަންވާނެ ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ބޭންކް އެކައުންޓްތަކަށް ފައިސާ ނުފޮނުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިމީހުން ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ އާއި އެހީ ހޯދާ މައްސަލަތައްވެސް ގިނަވެފައިވާތީ އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *