އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ދެމުންދާ ހަމަލާތައް ހުޓާލަންދެން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅަމުން ގެންދާނެ ކަމަށާއި، އެމެރިކާއާއެކު ދެން މަޝްވަރާއަށް ދިއުމަކީ ނާދިރުކަމެއް ކަމަށް އިރާނުން ބުނެފި އެވެ.
އެމެރިކާ އަދި އިޒްރޭލުން އިރާނަށް ހަމަލާދީ ފެށި ހަނގުރާމަ ކުރިއަށްދާ މިއީ ދެވަނަ ހަފުތާއެވެ. މި ހަނގުރާމައިގައި އެމެރިކާ އަދި އިޒްރޭލުން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އިރާނުންވެސް ގެންދަނީ އިޒްރޭލަށާއި އެ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި އެހެންވެސް ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މި ހަނގުރާމައާ ގުޅޭގޮތުން އިރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތައް ނުހުއްޓާ ނަމަ، މެދުއިރުމަތީގެ އެއްވެސް ސަރަހައްދަކުން "އެއް ލީޓަރުގެ ތެޔޮ" ވެސް ބޭރުވިޔަ ނުދޭނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތަކަކީ ބޭކާރު ވާހަކަތަކެއް ކަމަށާއި، ހަނގުރާމަ ނިމޭނެ ގޮތް ނިންމާނީ އީރާނުން ކަމަށް ވެސް އައިއާރުޖީސީއިން ބުނެފައިވެ އެވެ.
އައިއާރުޖީސީގެ މި އިންޒާރާއި ގުޅިގެން ޓްރަމްޕް ވަނީ، މެދުއިރުމަތީގެ ތެޔޮ ހިފައިގެން ޓޭންކަރުތައް ދަތުރުކުރާ ހޯމޫޒް ކަނޑުއޮޅިން ތެޔޮ ނެރުމަށް ހުރަސްއަޅައިފިނަމަ އީރާނަށް ދޭ ހަމަލާތައް މިހާރަށްވުރެ ބޮޑަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
ހިނގުރާމައާ ގުޅިގެން އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ވިދާޅުވެފައިވަނީ، މީގެ ކުރިން އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކުގައި ކުރެވިފައިވަނީ ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. އެހެންކަމުން އަލުން އެމެރިކާއާއެކު މަޝްވަރާ ކުރުމަކީ ނާދިރު ކަމެއް ކަމަށް އަރަގްޝީ ވިދާޅުވި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެމެރިކާއާއެކު ތިން ފަހަރެއްގެ މަތިން ކުރެވުނު މަޝްވަރާތަކަށް ފަހު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ މަންދޫބުން ބުނި ނަމަވެސް، އެމެރިކާއިން ނިންމީ އީރާނަށް ހަމަލާދޭން ކަމަށާއި، އެހެންކަމުން، ދެން އެމެރިކާއާ ވާހަކަ ދެއްކުމަކީ އީރާނުގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށް އިރާންގެ ފޮރިން މިނިސްޓަރު އަރަގްޝީ ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިެވ އެވެ.
މިފަހުން ޓްރަމްޕް ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އަދި ކުރިން ލަފާކުރި ހަތަރު ހަފުތާގެ މުއްދަތަށްވުރެ މާ އަވަހަށް މި ހަނގުރާމަ ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މި ހަނގުރާމައިގައި ހާސިލުކުރަން ބޭނުންވާ ސީދާ ނަތީޖާއަކީ ކޮބައި ކަމެއް ޓްރަމްޕަށް ސާފުކޮށްދެއްވިފައި ނުވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިޒްރޭލުން ބުނަމުންދަނީ އެގައުމުގެ އަމާޒަކީ އީރާނުގެ ވެރިކަން ބަދަލުކުރުން ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ވޮޝިންގޓަންގެ މައިގަނޑު މަގުސަދަކީ އީރާނުގެ މިސައިލް ގާބިލުކަމާއި ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމެވެ. އެހެންނަމަވެސް، ޓްރަމްޕް ބުނެފައިވަނީ ހަނގުރާމަ ނިމޭނީ އެމެރިކާއިން ބޭނުންވާކަހަލަ ސަރުކާރެއް އީރާނުގައި ގާއިމުކުރާނެ ކަމަށެވެ.


