އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލަ: ލައްކައަކަށްވުރެ ގިނަ ޑޮލަރާއި ތިން ލައްކަ ޔެން ހިމެނޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު، ފޭރިގަތް ފައިސާގެ އަދަދުތައް ހާމަ ކުރިއިރު، އެއް ލައްކައަށްވުރެ ގިނަ ޑޮލަރާއި ތިން ލައްކައަށްވުރެ ގިނަ ޔެން އަދި 4000 އަށްވުރެ ގިނަ ޔޫރޯ ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ވެލާނާ އެއާޕޯޓުން ފޭރިގަތް ފައިސާގެ މައްސަލައިގައި 8 މީހެއްގެ މައްޗަށްވަނީ ދައުވާކޮށްފައެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ އެ ދައުވާތަކުގެ ތަފުސީލާއި ފައިސާގެ ތަފުސީލު ހާމަކޮށްފައެވެ.

ސައުވީން އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގޮތުން އެ އޮފީހުން ބުނި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، ގެންދިޔަ ސޫޓް ކޭހުންވަނީ 4،900 ޔޫރޯއާއި، 1،735 ޕައުންޑާއި، 2،610 ސިންގަޕޯ ޑޮލަރާއި، 1،345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1،515 ކެނޭޑިއަން ޑޮލަރާއި، 334،000 ޖަޕަނީސް ޔެންއާއި، 10،420 ހޮންގކޮންގް ޑޮލަރާއި، 106،120 ޔޫއެސް ޑޮލަރާއި، 23،778 ދިވެހި ރުފިޔާއާއި، 25،000 އިންޑިއަން ރުޕީސް އަދި 600 ޗައިނީސް ޔުއާން ފޭރިގެންފައެވެ.

އެ ފައިސާ ސޫޓް ކޭހަކަށް އަޅައިގެން ބީއެމްއެލްގެ ދެ މުވައްޒަފަކު އެއާޕޯޓް ޓާމިނަލްގެ ގޭޓް އެކެއްގެ ކުރިމަތީގައި ތިއްބައި، އެ މީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެގެން ލޯންޗެއްގައި ފުރައިގެން ދިޔައީ މާލެ އަތޮޅު ހުރާ އަށެވެ. ފުލުހުންވަނީ ފަހުން އެ ލޯންޗު ވެސް ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 8 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

1. ތ. ވިލުފުށި، އެހީވާގެ / އަޙްމަދު މާޙިދު

° ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ.

° ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ.

° ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ.

2. ސ. ހިތަދޫ، ވަށަގުލިމާގެ / ޢަލީ އަފްޒަލް

° ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ.

° ޤާނޫނު ނަންބަރު: 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

3. ގއ. ވިލިނގިލި، ބިނާ / ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ

° ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

4. ކ. ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދުއާއި،

5. ލ. މާވައް، ރޭޝަމް / މާޒިން މޫސާއާއި،

6. މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމްއާއި،

7. ކ. ގުރައިދޫ، އަޅިވިލާގެ/ އިބްރާހީމް އަނޫފްއާއި،

8. ރ. މަޑުއްވަރި، މީޒާން / އިސްމާޢީލް ސިރްހާންގެ މައްޗަށް:

° ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ޤާނޫނުގެ 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *