އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެމެރިކާއިން މަދުވެގެން 11.3 ބިލިއަން ޑޮލަރު ހޭދަކޮށްފި އެވެ.
މަސްދަރަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުން އަންގާރަ ދުވަހު ސެނެޓަރުންނަށް ބޭއްވި ސިއްރު ބައްދަލުވުމެއްގައި ހިއްސާކުރި މި އަދަދަކީ ހަނގުރާމައިގެ ޖުމްލަ ހަރަދެއް ނޫނެވެ. ނަމަވެސް މިއީ ހަނގުރާމައިގެ ހަރަދުތަކާ ބެހޭ އިތުރު ތަފުސީލު ހޯދުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބާރުއަޅަމުންދާތީ ފޯރުކޮށްދިން މައުލޫމާތެކެވެ.
ރިޕޯޓްތަކާ ހަވާލާދީ އަވަސް އޮންލައިންގައި ރިޕޯޓްކޮށްފައިވާ ގޮތުުގައި، ހަނގުރާމައަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ވައިޓް ހައުސްއިން ވަރަށް އަވަހަށް ކޮންގްރެސްއަށް ހުށަހަޅާނެ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފަށާފައިވާއިރު ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެކަނިވެސް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އިސްވެރިން ވަނީ ހާމަކޮށްފަ އެވެ.


