އީރާން ހަނގުރާމަ: ރާއްޖޭގައި ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯގެ ފައިދާ ބޭނުން ކުރަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ބޭނުންކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.

މި ކޮމެޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއެރުމުގެ ބިރު އޮތް ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އިރާދަކުރެއްވިއްޔާ އެއްވެސް ދަތިކަމެއް ނެތް މިންވަރަށް އެބަހުރި ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރީ ވަރަށް ބޮޑަށް މަތީގައެވެ.

ޖަވިޔަނި އޮންލައިނުގައިވާ ގޮތުގައި، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ބާޒާރުގައި އަގުތައް މިހާ ބޮޑުވެފައިވީ ނަމަވެސް، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް މި ބުރަ އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ވަނީ ރޭވުންތައް ބައްޓަންކޮށްފައެވެ. އެގޮތުން އެސްޓީއޯއަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ 1.5 ބިލިއަން ރުފިޔާގެ ފައިދާގެ ތެރެއިން ބައެއް، ތެލުގެ އަގު ސަބްސިޑައިޒް ކުރުމަށް ބޭނުންކުރާނެއެވެ.

ތެލުގެ އަގު ކަނޑައެޅުމުގައި ގެންގުޅޭ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެސްޓީއޯއިން އަގު ކަނޑައަޅަނީ ބޯޓަށް ތެޔޮ އަޅާ ދުވަސްވަރުގެ ތިން ހަތަރު ދުވަހެއްގެ އެވްރެޖް އަގަށް ބަލައިގެން ކަމަށެވެ. މިއީ ވަރަށް ކޮމްޕްލެކްސް މަސައްކަތެއް ނަމަވެސް، މިވަގުތު ރާއްޖޭގެ ތެލުގެ ރައްކާތެރިކަން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ތެޔޮ އުފުލުމުގެ ގާބިލްކަން މިހާރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ 24,000 މެޓްރިކް ޓަނުގެ އާ ބޯޓެއް ގަނެފައެވެ. މި ބޯޓާއެކު ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއް ނެތް ގޮތެއްގައި ދަތުރުމަތީގައި ހުންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *