ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހަކާ ބޭއްވުމަކީ ސަރުކާރުން ގެންގުޅޭ ރިފޯމް އެޖެންޑާގެ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަވިޔަނި ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތެއްގެ ގޮތުން މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރަށް ފަހު ކޮންގްރެސް ޕާޓީގެ މައި ހަރުގެ ކުރިމަތީ ހުންނަވާ ސައިކަލު ބުރުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމަކީ ރިފޯމް އެޖެންޑާގެ ބައެއް ކަމަށާއި ކުރިއަށް އޮތްތާ މަޖިލީހާއި ޖުޑިޝަރީވެސް ރިފޯމް ކުރައްވާނެ ކަމަށެވެ. މިއީ ގައުމަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރުމަށް ނިންމާފައިވާ ކަންކަންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށްޓަކައި މިހާރު މަޖިލީހުގައި ތިބި 93 މެންބަރުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް އެ އަދަދު ލިމިޓް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަކީ ކުރިއަށް އޮތްތާ ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޖުޑިޝަރީ ރިފޯމް ކުރުންވެސް ކުރިއަށް އެބަ އޮތް ކަމަށާއި ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް މީގެ ކުރިންވެސް 'ޑިޒައިން' ކުރެވިފައި އޮތް ގޮތް ގާނޫނީ ނިޒާމުގެ ތެރެއިން ބަދަލު ގެނެސް ޖުޑިޝަރީ ނިޒާމަކީވެސް މިހާރަށް ވުރެ ނުފޫޒު ފޯރުވުން ކުޑަ ކުރެވިފައިވާ، މިނިވަން ނިޒާމަކަށް ހެދުމަށްޓަކައި ކުރަން ޖެހޭކަންކަން ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ.
ރައީސް ވަނީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބީ އެއްބާރުލުންދޭނެ ބަޔަކު ކަމުގައިވާނަމަ، އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށެވެ.
އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވާރުތަވި ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުން ކަމަށެވެ. އަދި ދާދިފަހުން އާންމުކުރި ތަފްސީލީ ބަޔާންތަކުން އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ މިންވަރު ސާފުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


