ޕީއެންސީން މާލޭގައި ބޮޑު ސައިކަލް ބުރެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މާލޭގައި ބޮޑު ސައިކަލް ބުރެއް ބާއްވައިފި އެވެ.

ގިނަ އަދަދެއްގެ ޒުވާން ސަޕޯޓަރުން ބައިވެރިވި މި ހަރަކާތަކީ ޕާޓީގެ ރޫހު އާލާކޮށް، ކުރިއަށް އޮތް އިންތިހާބުތަކަށް ތައްޔާރުވުމަށް ބޭއްވި ހާއްސަ ހަރަކާތެކެވެ.

މާފަންނު މެރީބްރައުން ސަރަހައްދުން ފެށި މި ސައިކަލް ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ކުރިމައްޗަށެވެ. މި ހަރަކާތް ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން، ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު އެންމެ ބޮޑަށް ބާރުއެޅުއްވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، އެކަހެރިކޮށްގެން ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ތަރައްގޫގެ މަޝްރޫތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މި ހަރަކާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އާންމު މެންބަރުން ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެފަ އެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި މި ހަރަކާތަކީ ކުރިއަށް އޮތް އިންތިހާބުތަކަށް އެ ޕާޓީން ފަށާފައިވާ ފުޅާ ކެމްޕޭންގެ ތެރެއިން ބޭއްވުނު މުހިންމު ހަރަކާތެކެވެ. މީގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިންތިހާބަށް އޮތް ތައްޔާރީތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޕާޓީން ލަފާކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *