އީރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިން މީހަކަށް 10 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދޭން އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޑިޕްލޮމެޓިކް ސެކިއުރިޓީ ސާވިސްއިން ޝާއިއުކުރި ބެނާއެއްގައި ވަނީ، އެ ގައުމުން ހޯދަމުންދާ އޮފިޝަލުންގެ ތެރޭގައި މުޖުތާބާ ޚާމަނާއީ އާއި އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަލީ އަސްޣަރު ހެޖާޒީ އާއި ސެކިއުރިޓީގެ އެންމެ އިސް އޮފިޝަލް އަލީ ލާރިޖާނީ ލިސްޓްކޮށްފައެވެ.
ސަން އޮންލައިގައިވާ ގޮތުގައި، މި ލިސްޓުގައި ހިމެނޭ އެހެން ނަންތަކުގެ ތެރޭގައި ސުޕްރީމް ލީޑަރުގެ އިސް އަސްކަރީ އެޑްވައިޒަރެއް ކަމަށްވާ ޔަހްޔާ ރަހީމް ސަފާވީ އާއި އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޮމޭނީ އާއި އިންޓެލިޖެންސް މިނިސްޓަރު އެސްމާއީލް ޚަތީބުވެސް ހިމެނެއެވެ.
ވަކި ނަމެއް ނުޖަހާ ހަތަރު މަގާމެއްވެސް އެ ލިސްޓުގައި ހިމެނެއެވެ. އެއީ ސުޕްރީމް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީއާއި، ސުޕްރީމް ލީޑަރުގެ އަސްކަރީ އޮފީހުގެ ވެރިޔާއާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯގެ ކޮމާންޑާ އިން ޗީފްއާއި، އީރާނުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރެވެ.
ބެނާގައިވާ ލިޔުމުގައިވާ ގޮތުން އެ މީހުންނަކީ ދުނިޔޭގެ ފެންވަރުގައި އޮޕަރޭޝަންތައް ރޭވުމާއި އިންތިޒާމުކުރުމާއި ހިންގުމުގެ ޒިންމާ އުފުލަން ޖެހޭ އައިއާރުޖީސީގެ އެކި ގޮފިތަކަށް ކޮމާންޑްކޮށް ޑައިރެކްޓް ކުރުމުގައި ހަރަކާތްތެރިވާ މުހިންމު ލީޑަރުންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ، އެ މީހުންނާއި އެ މީހުންނާ ގުޅުން ހުރި ނެޓްވޯކްތަކާ ބެހޭ މައުލޫމާތު ލިބިފައިވާ މީހުންނަށް، އެންކްރިޕްޓެޑް މެސެޖިން ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ.


