ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބަށް ފޯރުވާ ނުފޫޒުތައް ކުޑަވެ، ރައްޔިތުންގެ ތަމްސީލުވުން އެންމެ ފުރިހަމައަށް ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގައި ބޭއްވި ސައިކަލް ބުރަށް ފަހު ޕީއެންސީގެ މައި ހަރުގެ ކުރިމަތީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމަކީ ސަރުކާރުން ގެންގުޅޭ ފުޅާ ރިފޯމް އެޖެންޑާގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެއް ކަމަށެވެ.
ޖަވިޔަނި އޮންލައިންގައިވާ ގޮތުގައި، ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު ވަކިން ބޭއްވުމުން، އޭރު އޮންނަ ސަރުކާރަކުން މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ، އިންތިހާބުވާނީ ކޮން ސަރުކާރެއްކަން ކުރިން ނޭނގޭނެތީ އެ ނުފޫޒު ކުޑަވެގެންދާނެ އެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަ އިންތިހާބަށް ވާތީ، ހަމަ އެ ދުވަހު މަޖިލިސް މެންބަރުން ހޮވުމަކީ ރައްޔިތުންގެ ނިންމުން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭނެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ރިފޯމް އެޖެންޑާގެ ދަށުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކޮންމެ ފަސް އަހަރަކުން މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށްޓަކައި، މެންބަރުންގެ އަދަދު 93 އަށް ވުރެ ގިނަ ނުވާނެ ގޮތަށް ލިމިޓްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޖުޑިޝަރީއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ނިޒާމަކަށް ހެއްދެވުމަށްޓަކައި، މިހާރު ޑިޒައިން ކުރެވިފައިވާ ގޮތްތައް ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮންނާނީ ކުރިއަށް އޮތް އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގަ އެވެ. ރައީސް ވަނީ ގައުމުގެ ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ތަރައްގީގެ މަޝްރޫތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި މި އިސްލާހަށް ރައްޔިތުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބީ އެއްބާރުލުންދޭނެ ބަޔަކު ކަމުގައިވާނަމަ، އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހަކާ ބޭއްވުމާ ގުޅޭ ގޮތުން ޖަވިޔަނި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށާއި އެކަން ގަބޫލު ނުކުރައްވާކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމަށް ގެނައި އިސްލާހަކީ ހާއްސަ މަޖިލީހެއް އެއްކޮށްގެން ކުރެވޭނެކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ގާނޫނެއް އިސްލާހު ކުރާކަށް، ގާނޫނެއް ހަދާކަށް އަދި ގާނޫނެއް އުވާލާކަށްވެސް ހާއްސަ މަޖިލީހެއް އެއްކުރާކަށް ނުޖެހޭކަމަށެވެ. ދެ އިންތިހާބު އެއް ދުވަހަކާ ބޭއްވުމުން ގައުމުގައި ހަމަޖެހުން ގާއިމުވެގެން ދާނެކަމަށާއި ސިޔާސީ ހަލަބޮލިކަން މަދު ކުރެވި ގައުމުގެ ތަރައްގީއަށް އެންމެން އިސްކަންދީގެން މަސައްކަތް ކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.


