ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ބޭއްވުުމުން ހަރަދު ކުޑަވެގެންދާނެ ކަމަށް އޭޖީ ވިދާޅުވެއްޖެ

އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ބާއްވާނަމަ، އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ވެސް ލުއިވާނެ ކަަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ، ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އޭޖީ އުޝާމް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމާއި، އެކަންކަން އިޞްލާހު ކުރަންޖެހޭކަމަކީ އެންމެންވެސް ޤަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އެ އިސްލާހުތަކަކީ:

1. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.

2. ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.

3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.

މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމުގައި ވެސް އޭޖީ އުޝާމް ވިދާޅުވިއެވެ.

”ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރެއިން މި އިސްލާހަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީއިން ލާޒިމްކުރާ އިސްލާހެއް. އަދި ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން. ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް. މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ.“ ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

މީގެއިތުރުން އޭޖީ ވިދާޅުވީ، ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *