ބުޅަލަށް އަނިޔާކޮށް އަނިޔާކޮށް ދަންޖެއްސުމުން ހަރުކަށި ފިޔަވަޅު އަޅަން މިނިސްޓްރީން ނިންމައިފި

ބުޅަލަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުން އަދި އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް ބުޅާ ދޫކުރާ މީހުން، ޖަލަށް ލުމާއި ޖޫރިމަނާކުރުން ފަދަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިހެން ބުނެފައިމިވަނީ ހއ. ހޯރަފުށީގައި ބުޅަލަކަށް އިހާނެތިކޮށް އަނިޔާކޮށް ދަންޖައްސައި މަރާލާފައިވާ މައްސަލައެއް މިފަހުން ފެންމަތިވެފައި ވަނިކޮށެވެ.

ސައްވީސް އޮންލައިންގައި ބުނިގޮތުގައި، އެއީ ބަނޑުބޮޑު ބުޅަލެއް ކަމަށާއި، އެއަށް އަނިޔާކޮށް، ދަންޖައްސައި މަރާލުމަށްފަހު މޫދަށް އެއްލާލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅިގެން އެކި ޖަމިއްޔާތަކުން އެ އަމަލު ކުށްވެރިކޮށް ވަނީ ބުޅަލަށް މިފަދައިން ހެދިމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިއްޔެ ވަނީ އެ މައްސަލަ ބަލަމުންދާކަމަށާއި އެކަމާ ގުޅިގެން 3 މީހަކާ ސުވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އެފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އެ ތަނުން ބުންޏެވެ.

މިނިސްޓްރީން ބުނީ، މިދިޔަ ޑިސެމްބަރުގައި ތަސްދީގުކުރި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަކެއްޗަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ތަނުން ބުންޏެވެ.

”މި ހައްގުތަކަކީ މިހާރު ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ދީފައިވާ ކަންކަމެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލާ ދޫކޮށްލާ ފަރާތްތަކާ މެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަމެވެ،“ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *