ގުޅުން ބަދަހިކުރުމަށް ޓްރަމްޕްގެ ހާއްސަ މަންދޫބް ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ސާޖިއޯ ގޯ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ މަތީ ފަންތީގެ ޚާއްސަ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފި އެވެ.

މާޗު 19 އިން 24 އަށް ކުރިއަށްދާ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، އިއްޔެ ހެނދުނު އޭނާ ވަނީ ސްްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައާ ބައްދަލުކުރައްވާފަ އެވެ.

ކޮލަމްބޯގައި އޮތް މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި ރައީސް ޑިސާނަޔަކަ ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސްްރީލަންކާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތު މަންދޫބާ ހިއްސާކުރައްވާފަ އެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ކަނޑުގެމަގުތައް ރައްކާތެރިކުރުމާއި ބަނދަރުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދެވުނު ކަންކަމެވެ.

ސްްރީލަންކާގެ ދަތުރުފުޅަށްފަހު، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ފުރުއްވާ ސާޖިއޯ ގޯ ދެން ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި އުމްރާނީ ތަރައްގީއާއި އިގްތިސާދު ފުޅާކުރުމަށް އެމެރިކާގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމެވެ. 1966 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުނު މި ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަކީ މި ދަތުރުފުޅުގެ މުހިންމު ބައެކެވެ.

ސާޖިއޯ ގޯގެ މި މިޝަންއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ދިގު މުއްދަތުގެ ތަނަވަސްކަމަށާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ މަތީ ފަންތީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ.

ސާޖިއޯ ގޯ އަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާ އިންޑިއާގެ ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ ޖަނަވަރީ މަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *