ހަނގުރާމައިގެ ސަބަބުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅާނީ ރައްޔިތުންނަށް އިތުރު ތަކުލީފެއް ނާންނަ ގޮތަށް: ކޮމިޓީ

ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ޤައުމުގެ ކަންކަން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ.

އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް އަޅުގަނޑުމެން ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި އަޅުއްވަމުންގެންދަވާ ބައެއް ފިޔަވަޅުތައްވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މި ހަނގުރާމައާއި ގުޅިގެން ޚަރަދު ކުޑަކުރުމަށް އެކި ޤައުމުތަކުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ޚަބަރުތައް ލިބުނު ނަމަވެސް އެ ޤައުމުތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ކޮންމެ ޤައުމެއްގެވެސް ހާލަތަށް ރިއާޔަތްކުރެވޭ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ސީދާ ފިޔަވަޅުތަކެއްގެ ގޮތުގައި ކަންތައްތަކެއް، އިޢުލާނެއްގެ ސިފައިގައި އާންމު ނުކުރާ ސަބަބު ބަޔާންކުރެއްވިއެވެ.

އެގޮތުން މިފަދަ ގޮތަކަށް ސީދާ ފިޔަވަޅުތަކެއް އިޢުލާނުކޮށްފިނަމަ އަންނާނެ އިތުރު ނޭދެވޭ އަސަރުތަކަށް ވިސްނަވައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި އެއްގޮތަށް މިވަގުތައް ނިންމާފައިވަނީ ޚަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން މަސައްކަތް ކުރުން ކަމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *