މަރުގެ އަދަބު ތަންފީޒުކުރުމަށް ގާނޫނެއް ހަދަނީ

ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ހާއްސަ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމަކަށް ވާތީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ.

އަދި އެކަން ކުރުމާއި ނުކުރުމަކީ ގައުމުގެ ވެރިމީހާއަށް ލިބިގެންވާ އިހުތިޔާރެއް ނޫން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. މި ބިލު އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް މަރުގެ ހުކުމް އިއްވާފައިވާ ވަރަށް ގިނަ ބަޔަކު އެބަތިބި. އެ ބިލް މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށް ގާނޫނަކަށްވުމާ އެކު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރަން ފަށާނަން،“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާއިރު، ވަކި މިންވަރަކަށްވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ދާދި ފަހުން ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް، ޝަރުއީ އެކި މަރުހަލާތަކުން މަރުގެ ހުކުމް ކަށަވަރުވެފައިވާ މީހުން މިހާރު ވެސް ޖަލުގައި އެބަތިއްބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *