އިސްރާއީލާއި އެމެރިކާގެ އަސްކަރީ ބާރުތަކުން އީރާނުގެ ދެ ގޭސް ފެސިލިޓީއަކަށާއި ހޮޅިލައިނަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ.
މި ހަމަލާތައް ދީފައިވަނީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްވި އިންޒާރުތަކުން ފަހަތަށް ޖެހިވަޑައިގެންނެވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެގޮތުން އިއްޔެ ޓްރަމްޕް ވިދާޅުވީ އިރާންއާއެކު ކުރިއަށްދާ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ފަސް ދުވަހުގެ މުއްދަތަކަށް ގޭސް ފެސިލިޓީކަށް ހަމަލާދިނުން މެދުކަނޑާލަން އަސްކަރިއްޔާއަށް އަންގާފައިވާކަމަށެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްފަހާންގެ ކާވެހް މަގުގައި ހުންނަ ގޭސް އެޑްމިނިސްޓްރޭޝަން އިމާރާތާއި ގޭސް ޕްރެޝަރު ރެގިއުލޭޓް ކުރާ ސްޓޭޝަނަށް ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.
"ޒަޔަނިސްޓުންނާއި އެމެރިކާގެ ދުޝްމަނުން ކުރިއަށްގެންދާ ހަމަލާތަކުގެ ތެރެއިން މި ތަންތަނަށް ވަނީ ހަމަލާދީފައި،" ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
މި ހަމަލާތަކުގެ ސަބަބުން އީރާނުގެ މެދުތެރޭގައި ހުރި އެ ފެސިލިޓީތަކަށް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ފާރްސް އިން ބުނެއެވެ. މީގެ އިތުރުން، އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ ހޮރަމްޝަހަރު ޕަވަރ ޕްލާންޓުގެ ގޭސް ހޮޅިލައިނަކަށް ވެސް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިރާގާ ބޯޑަރު ހިއްސާކުރާ އެ ސިޓީގެ ގަވަރުނަރާ ހަވާލާދީ ފާރްސް އިން ބުނީ، ހޮރަމްޝަހަރު ގޭސް ޕްރޮސެސިންގ ސްޓޭޝަންގެ ބޭރު ސަރަހައްދަށް މިސައިލެއް ނުވަތަ އެފަދަ އެއްޗެއް އަރާފައިވާ ކަމަށެވެ.
ނަމަވެސް، ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު ގެއްލުމެއް ނުލިބި އާންމު ހާލަތުގައި އޮޕަރޭޓް ކުރަމުންދާ ކަމަށާއި، ގޭސް ފޯރުކޮށްދިނުމަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ.
މި ހަމަލާތައް ދީފައި މިވަނީ އީރާނާއެކު ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ތެހެރާނާއެކު މަޝްވަރާ ކުރުމަށްޓަކައި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުން ފަސް ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް ރައީސް ޓްރަމްޕް އޭއެފްޕީ އަށް ވިދާޅުވެފައި ވަނިކޮށެވެ. ޓްރަމްޕްގެ މި ނިންމެވުން އައީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވައިފިނަމަ ހަމަލާދޭނެ ކަމަށް ބުނެ ދީފައިވާ ދެ ދުވަހުގެ މުހުލަތު ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އެމެރިކާއިން މަޝްވަރާތަކުގެ ވާހަކަ ދެއްކި ނަމަވެސް، އީރާނުގެ މީޑިއާތަކުން ހޯމަ ދުވަހު ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކުރިއަށް ނުދާ ކަމަށެވެ.


