މާލޭގެ މަލަމަތި ބަދަލުކޮށްލާ، މަގު ހެދުމުގެ އާ ސެގްމަންޓެއްގެ އަމަލީ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މި މަޝްރޫގެ ތެރެއިން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިންގެ ޕާކާ ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތެވެ. މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މަގު ހެދުމަށްޓަކައި ހެންވޭރު ޓާމިނަލުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް މަގު ބަންދުކޮށްފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއްޒުއްދީން ފާލަމާ ހަމައަށް ވެސް މަގު ބަންދު ކުރާނެ އެވެ. މީގެ އިތުރުން ނަސަންދުރަ ފުރަގަހުން އަމީރު އަހުމަދު މަގުގެ ޓްރެފިކް ފްލޯއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ހިސާބުން ފެށިގެން މަޖީދިއްޔާ ސްކޫލާ ހަމައަށް ޓޫވޭ އެއްގެ ގޮތުގައި ކުރިން އޮތް ނަމަވެސް މިހާރު ވަނީ ވަން ވޭ އަކަށް ބަދަލުކޮށްފަ އެވެ.

މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި ފަހަރުގެ މަސައްކަތް އަމާޒު ކޮށްފައި ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ބާކީ 4 ސެގްމަންޓަށެވެ. މީގެ ކުރިން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މަސައްކަތް ނިންމައި، މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފަ އެވެ.

މި މަޝްރޫގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން މަގު ތަރައްގީކުރުން ހިމެނެއެވެ. އަދި މަގުގެ ޖާގަ ބޮޑުކުރުމަށްޓަކައި 610 މީޓަރުގެ އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ހިނގާ މީހުންނަށް ހާއްސަ ޕޭމަންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ އެވެ. ނަމަވެސް، މަގުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެމްޓީސީސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *