ހަނގުރާމާގައި ބައިވެރިނުވާ ގައުމުތަކުގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑޯޅިން ދެވޭނެކަން އީރާނުން އަންގައިފި: އައިއެމްއޯ

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެހީތެރިކަމެއް ވެސް ނުދޭ ގައުމުތަކުގެ އުޅަނދުތަކުން ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރާ ނަމަ ހޮރްމޫޒް ކަނޑޯޅިން ދަތުރުކުރުމުގެ ފުރުސަތު ދޭނެކަން އީރާނުން ރަސްމީކޮށް އަންގާފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ބުނެފި އެވެ.

"ދުޝްމަނު ނޫން އުޅަނދުތަކުން — އީރާނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކުގައި ބައިވެރިނުވާ އަދި އެފަދަ ކަންކަމަށް ވާގިވެރިނުވާ ނަމަ — އަދި ކަނޑައެޅިފައިވާ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާނަމަ — ކަމާބެހޭ އިދާރާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ،" އެ ބަޔާނުގައިވެ އެވެ.

މިހާރު އޮންލައިންގައިވާ ގޮތުގައި އައިއެމްއޯ އިން އަންގާރަ ދުވަހު ބުނީ، އާދިއްތަ ދުވަހުގެ ތާރީހުގައި އީރާނުގެ ފޮރިން މިނިސްޓްރީން ފޮނުވި މި ބަޔާން މެންބަރު ގައުމުތަކާއި ޖަމިއްޔާތަކާ ހިއްސާކޮށްދޭން އެދިފައިވާ ކަމަށާއި އެހެންވެ އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެ ބަޔާނުގައި ވަނީ "އުދުވާނު ހިންގާ ފަރާތްތައް ކަމަށްވާ އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ އެއްވެސް އުޅަނދެއް ނުވަތަ މުދަލެއް، އަދި އެ އުދުވާނުގައި ބައިވެރިވާ އެހެން ފަރާތްތަކުގެ އުޅަނދުތަކަށް ވެސް" މި ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ނޯންނާނެކަން ފާހަގަކޮށްފަ އެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި، މި މުހިންމު ކަނޑުގެ ސަރަހައްދުގެ ނުތަނަވަސްކަމާއި ސަލާމަތީ ނުރައްކާތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އީރާނާ ދެކޮޅަށް "ޣައިރު ގާނޫނީ ހަނގުރާމައެއް" ފަށާފައިވާ އެމެރިކާ އާއި އިޒްރޭލުންނެވެ. އިޒްރޭލާއި އެމެރިކާއިން ސަރަހައްދީ ސުލްހަ ނަގާލައި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާފައިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ.

މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *