ބީއެމްއެލްއިން އިމާރާތްކުރާ ފްލެޓްތަކުގެ ކުއްޔަކީ ގާތްގަނޑަކަށް 10،000 ރުފިޔާ: ޝަރީފް

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގައި އިމާރާތް ކުރާ ފްލެޓްތަކުގެ ކުލި ހުންނާނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި، އެފޯޑަބަލް ހައުސިން ކެޓަގަރީގައި ހިމެނޭ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.

ބީއެމްއެލްއިން އަޅާ ފްލެޓުތަކުގެ ކުލި އަދި މުޅިން ފައިނަލް ނުކުރި ނަމަވެސް ބޭންކުން މިހާރު ހަދަމުން އަންނަ ހިސާބުތަކުގެ އަލީގައި ލަފާކުރެވޭ އަދަދެއް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގައި. އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ. އަނެއްކާ މުޅިން މި ހަދަނީ ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތައް،" ސީއީއޯ ޝަރީފު ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމްލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫޢު:

  1. ° ހުޅުމާލެ ފޭސް 3: 1224 ހައުސިން ޔުނިޓް، ސީ.އެމް.އީ.ސީ
  2. ° ހުޅުމާލެ ފޭސް 3: 1190 ހައުސިން ޔުނިޓް، ބީ.ޔޫ.ސީ.ޖީ
  3. ° ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް، އަމީން ކޮންސްޓްރަކްޝަން
  4. ° ހުޅުމާލެ ފޭސް 1: 182 ހައުސިން ޔުނިޓް، އެފް ޑަންލިއު ކޮންސްޓްރަކްޝަން
  5. ° ވިލިމާލެ: 300 ހައުސިން ޔުނިޓް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން

މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *