މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

”މައިންބަފައިންނަށް ކަމޭހިތުން“ މި މައުޞޫއަށް މިއަދު ދިން ހުތުބާގައި ވަނީ މައިންބަފައިންނަކީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސްކަމުގައި ބަޔާންކޮށްފައެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މައިންބަފައިންގެ ހައްގުތަކަކީ ނުހަނު މަތިވެރި ހައްގުތަކެކެވެ. ދަރިންގެ ބާއްޖަވެރިކަމަށްޓަކައި އެ ދެ މީހުންވާ ގުރުބާނީގެ އަގަކީ ވަޒަން ނުކުރެވޭނެ ފަދަ ބޮޑު އަގެކެވެ. އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބު ކަމުގައި މެދުވެރިވި ފަރާތްތަކަށް ވާއިރު، އިހުސާންތެރިކަމާއި މާތްކަމުގައި އެ ދެ މީހުންނާ އަޅައިކިޔޭނެ ފަދަ ބަޔަކު ނުވެއެވެ.

މައިންބަފައިން ދަރިންނަށް ހެޔޮއެދޭ މިންވަރު ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިއުމަތްތައް ވެސް ދަރިންނަށް ލިބުމަށް އެދި ޖާނާއި މާލުން ގުރުބާންވާކަން ހުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ. ކީރިތި ގުރުއާނުގެ ހަތް ތަނެއްގައި މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި މާތް ﷲ އަށް އަޅުކަން ކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުމުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. މިއީ ނަބީބޭކަލުންނާއި ސާލިހުންގެ މަތިވެރި ސިފައެއް ކަމަށާއި، މިއީ މުސީބާތްތަކުން ސަލާމަތްވެ، ދުއާ އިޖާބަވުމުގެ ސަބަބެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މައިންބަފައިންނާ މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ އަދަބުތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، އެ ދެ މީހުން މުސްކުޅިކަމުގެ އުމުރަށް ފޯރާފައިވާއިރު، ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ނުވަތަ އުފް ވެސް ބުނެގެން ނުވާނެ ކަމަށެވެ. އަދި އެ ދެ މީހުންނަށް އަޑުލައި ނުހެދުމަށާއި، އަބަދުވެސް މާތް ބަހުން ވާހަކަދެއްކުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ހުތުބާ ނިންމާލަމުން ވަނީ މައިންބަފައިން ދަރިން ކުޑައިރު ބަލައި ބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަހުމަތް ލެއްވުން އެދި ދުއާކުރުމަށް ބާރުއަޅާފައެވެ.

މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ ރަނގަޅު ދޮރުކޮޅު ކަމުގައި ރަސޫލާ (ޞޢވ) ހަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެމުން، އެ ދެ މީހުންގެ ހައްގުތައް އަދާކުރުމުގައި ފަރުވާތެރިވުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *