ކުޑަ ކުއްޖަކަށް ޖިންސީ ގޯނާގެ ދައުވާކޮށްފައިވާ އިބްރާހިމް ސޯބިރު އެމްޑީޕީގެ ގއ. އަތޮޅުގައި ކެމްޕޭނުގައި އިސްކޮށް އުޅޭ މައްސަލަ ފެންމަތި ވެއްޖެ އެވެ.
މިހާރު ހިނގަމުން މިދާ ކައުންސިލް ކެމްޕޭނުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ސާހިދާއި ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ނައިބް ރައީސްކަން ކުރެއްވި ފައިސަލް ނަސީމް ވެސް ގއ. އަތޮޅަށް ވަޑައިގެންނެވުމުން އެންމެ އަރިހުގައި ހުންނެވީ ސޯބިރެވެ.

އެމްޑީޕީ ކެމްޕޭނުގައި މިފަދަ އަމަލްތަކުން ޖަރީވެފައިވާ ބޭފުޅުން ހަރަކާތްތެރިވަމުންދާތީ ހުވަދޫ ކެމްޕޭން ދަނީ އިންތިހާއަށް މަޑުޖެހެމުންނެވެ.
ކޫއްޑޫ މަސް ކާރުހާނާގެ އިސް މަގާމެއް އަދާކުރަމުން ދިޔަ ގއ. މާމެންދޫ، ރޯޒްބެޑް، އިބްރާހީމް ސޯބިރު އެ މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ސީރިއަސް މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައެވެ. ހަވާސާއަށް ކޮޕީ ލިބިފައިވާ އެ ދައުވާ ފޯމުގައި ވާގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން 2024 ޑިސެމްބަރު 18 ގައި ސޯބިރުގެ މައްޗަށް ދައުވާކުރީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.
އެ މައްސަލަ ކުރިއަށް ދަނިކޮށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ސޯބިރު ވަނީ މާމެންދޫ ކައުންސިލް ރައީސް އަޙްމަދު އަޒީޒަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. މި މައްސަލަ އަދިވެސް އޮތީ ތަހުގީގު ކުރުމުގެ މަރުހަލާގައެވެ.
މިފަދަ ބޮޑެތި މައްސަލަތައް ސޯބިރުއާ ދެކޮޅަށް ކުރިއަށް ދާތީ އޭނާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ގއ. މާމެންދޫ އޮފީހުގެ މެނޭޖަރުގެ ވަޒީފާ ވެސް ވަނީ ވަކިކޮށްފަ އެވެ.
ބޮޑެތި ކުށުގެ ސީރިއަސް ތުހުމަތުތައް ކުރެވޭ އަދި ޝަރީއަތް ހިނގަމުންދާ މީހަކު އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ އިސް ސަފްގައި ހަރަކާތްތެރިވަމުންދާތީ ދާއިރާގެ ބައެއް މީހުންގެ ނުރުހުން ވަނީ އިންތިހާއަށް ގޮސްފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.


