ކާރެއްގެ މައްޗަށް ވެއްޓިފަ އޮތީ ޝިއުނާ ނޫން ކަމަށް ފުލުހުން ބުނެފި

މީގެ 13 އަހަރު ކުރިން ހިނގި ހާދިސާއެއްގެ ވީޑިއޯއެއް ބޭނުންކޮށްގެން، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާގެ އަބުރު ކިލަނބުކުރުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދިޔަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ އޭނާ ނޫންކަން ކަށަވަރު ކޮށްދިނުމަށް އެދި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޝިއުނާ މިއަހަރުގެ މާޗު 12 ގައި ހުށަހެޅި ހުށަހެޅުމަކަށް ދިން ޖަވާބުގަ އެވެ. އެ ވީޑިއޯ އަކީ އިމާރާތެއްގެ މަތިން އަންހެނަކު، މަގުމަތީގައި އޮތް ކާރެއްގެ މައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

ޖަވިޔަނި އަޮންލައިންގައި ބުނެގައިވާ ގޮތުގައި، ފުލުހުންގެ ރަސްމީ ރެކޯޑުތަކުން ދައްކާގޮތުގައި، އެ ހާދިސާއަކީ 31 އޯގަސްޓް 2013 ގައި ހިނގާފައިވާ ކަމެކެވެ. ގޭގެ ތިންވަނަ ބުރިން އަންހެނަކު މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށް ވެއްޓުނު އެ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވަނީ ކޭސް ނަންބަރު އެލްސީ0233/1129 ގެ ދަށުންނެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ފައިލްތަކާއި، ހާދިސާގައި އަނިޔާވި އަންހެން މީހާގެ ބަޔާނާއި، މަންޒަރު ދުށް ހެކިންގެ ބަޔާންތަކަށް ބަލާއިރު، އެ ހާދިސާގައި ހިމެނޭ އަންހެން މީހާއަކީ މަރިޔަމް ޝިއުނާ ނޫންކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝިއުނާ ބުނީ، ވޭތުވެދިޔަ ހަ އަހަރު ދުވަހު އޭނާގެ އަބުރު ކިލަނބުކޮށް، ނަފްސާނީ ގޮތުން ދަތިކުރުމަށް ބަޔަކު ކުރި ދޮގު ތުހުމަތުތަކަށް މިއަދު ނިމުން އަތުވެއްޖެ ކަމަށެވެ. މީގެ ކުރިންވެސް އޭނާ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރި ނަމަވެސް، އަބުރު ކަތިލުމަށްޓަކައި ބަޔަކު އެވާހަކަ ތަކުރާރުކޮށް ދައްކާ ނަފްސާނީގޮތުން ބަލިކުރަން އުޅުނުކަމަށް ޝިއުނާ ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *