ތިލަފުށި ބަނދަރު މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫގެ ފޭސް-1 ގެ މަސައްކަތްތައް ވަރަށް ބާރުމިނުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މި މަޝްރޫގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތަކުގެ ތެރެއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ބިމުގެ އަޑީގެ ހާލަތު ދެނެގަތުމަށް ކުރެވޭ "ޖިއޯޓެކްނިކަލް"  ސަރވޭގެ މަސައްކަތްތައްކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ޖަވިޔަނީގައިވާ ގޮތުގައި މި މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާވޭގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ އެވެ. މި އަހަރުގެ ފެބްރުވަރީ މަހު އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރި ފަހުން، މަސައްކަތުގެ ދުވެލި ހުރީ ތާވަލަށްވުރެ އަވަހަށެވެ. އެގޮތުން ތިލަފުށީގައި ތަރައްގީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްތަކުގެ ފުރަތަމަ ސާވޭތައް މިހާރު ވަނީ ފުރިހަމަކޮށް ނިންމާފަ އެވެ.

ޖިއޯޓެކްނިކަލް ސާވޭއަކީ ބަނދަރެއް ފަދަ ބަރުދަން ބޮޑު އޮނިގަނޑުތަކެއް ބިނާކުރުމުގެ ކުރިން، ބިމުގެ ފަށަލަތަކުގެ ވަރުގަދަކަމާއި ކަނޑުގެ އަޑީގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ. މި ސާވޭއިން ލިބޭ މައުލޫމާތަށް ބިނާކޮށް ބަނދަރުގެ ބިންގާ އަޅާނެ ގޮތާއި، ބޭނުންކުރާނެ މެޓީރިއަލްތައް ޑިޒައިން ކުރެވިގެންދާނެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި އަވަސްކުރުމަށާއި، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން އަޅާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫ ނިމުމުން، ރާއްޖެއަށް އެތެރެކުރާ މުދާ ހުސްކުރުމާއި ރައްކާކުރުމުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *