ޓޫރިސްޓުން މަދުވުމާއި ގުޅިގެން ގެއްލުންވާ ރިސޯޓްތަކަށް ބީއެމްއެލްއިން އެހީ ވަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއެކު، ބައެއް ރިސޯޓުތަކުގެ ހިންގުމަށް ބުރޫއަރާތީ، އެ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިޤް އިބްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތާރިޤް ވިދާޅުވީ، މި ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކަށް ހިންގުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް މަޓީ އާއެކު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޚިދުމަތް ދޭން ދަތިވާ ބައެއް ރިސޯޓުތަކުން ބޭންކުތަކާ ވާހަކަދައްކައިގެން އެކި ކަހަލަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން، އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮށް މަޝްވަރާ ކުރަމުން. އެހެން އޮޕަރޭޝަންސްގެ ދަތިވާފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބީ. އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އިތުރު އެއާލައިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ޑެސްޓިނޭޝަން މާކެޓިންގެ މުހިންމު މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންނެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާ، އާޝިއާން އަދި ސީއައިއެސްގެ މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށްވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެ ފަދަ ޑިޖިޓަލް ކެމްޕެއިނެއް މި ހަފުތާ ތެރޭގައި ފެށޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *