އެފޯޑަބަލް ހައުސިންގެ އިތުރު 364 ފްލެޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ސައްވީސް ނޫހުގައިވާ ގޮތުގައި، މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕަރސަން އަޙުމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފްގެ އިތުރުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ޙަސަން ޝާމްއެވެ.

މީގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރ، އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ.

މި މަޝްރޫޢުގެ ދަށުން ދެ ޓަވަރު އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މީގައި ހިމެނެނީ 900 އަކަފޫޓުގެ ބޮޑުމިން ހުންނަ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް ޖުމުލަ 3,260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތައް ކުރިއަށްދަނީ ވިލިމާލޭގައި 300 ޔުނިޓް އަދި ހުޅުމާލޭގެ ފޭސް 1 އަދި 3 ގައި 2,960 ޔުނިޓް ހިމެނޭ ގޮތަށެވެ.

ބީއެމްއެލްއިން ލަފާކުރާ ގޮތުގައި މި ހުރިހާ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަކީ ފެންވަރު ރަނގަޅު، އެފޯޑަބަލް ހައުސިންގ ޔުނިޓްތަކެކެވެ.

މި މަޝްރޫޢުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފާހަގަކޮށްލެވޭ ކުންފުނިތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސީއެމްއީސީ، ބީޔޫސީޖީ، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރްސީސީ ހިމެނެއެވެ. މި ހުރިހާ ޔުނިޓުތަކެއްގެވެސް އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *