2،000 ފްލެޓް އަޅަން ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

މަރުކަޒީ ބޭންކް އެމްއެމްއޭގެ އެފޯޑެބަލް ހައުސިން ސްކީމްގައި ހިމެނޭ ދެވަނަ މޮޑެލް އެންޑް ޔޫސާ ފައިނޭންސްގެ ދަށުން 2،000 ފްލެޓް އަޅަން ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އިން އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން ހުޅުމާލެ 1 ގައި އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެންޑް ޔޫސާ ފައިނޭންސްގެ މޮޑެލްގެ ދަށުން ފްލެޓް އަޅަން ގިނަ ކުންފުނިތަކަކުން މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިހާރު އޮންލައިންގައިވާ ގޮތުގައި، މުއްތަލިބް ވިދާޅުވީ ބީއެމްއެލް އިން ފްލެޓް އިމާރާތްކުރާ އެމްއެމްއޭގެ އެފޯޑެބަލް ހައުސިން ސްކީމްގެ ފުރަތަމަ މޮޑެލް "ލީސް ޓު އޯން"ގެ އިތުރުން ސަރުކާރު ގެނެސްދޭން ބޭނުންވާ ދެވަނަ ހައްލަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނަމަވެސް، ހެޔޮ އަގުގައި ލިބޭ ނަމަ ގަތުމުގެ ގާބިލްކަން ހުރި އާއިލާތަކަށް ހާއްސަ ހައްލެއް ކަމަށެވެ.

"މިއީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ގަންނަން ހުޅުވާލެވޭ ފްލެޓްތަކެއް ކަމަށް ވުމާ އެކު، ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސައިދޭނެ. މީގެ އިތުރުން އިމާރާތް ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގަން ވެސް ވަނީ ނިންމައިފައި."

އެއީ، ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމިއްލަ ކުންފުނިތަކުން "އެންޑް ޔޫސާ ފައިނޭންސް"ގެ މޮޑެލްގައި ފްލެޓް އިމާރާތްކުރުމެވެ.

"މި ދެންނެވި އުސޫލުން ފްލެޓް އިމާރާތްކޮށް ވިއްކުމަށް އެދޭ ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމުން މިއަދު މުއްދަތު ހަމަވިއިރު ހަތް ކުންފުންޏަކުން 2،000 ފްލެޓް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވޭ،" މުއްތަލިބް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ރާއްޖޭގައި ގެދޮރު އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ބޮޑެތި ގިނަ ކުންފުނިތައް ހިމެނޭ."

ނަމަވެސް، ވަކިވަކި ކުންފުނިތަކުގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މުއްތަލިބް ވިދާޅުވީ މި މޮޑެލްގެ ދަށުން އަޅާ ފްލެޓްތަކުގެ އަގު ހެޔޮކުރުމަށް އެއްވެސް އަގަކާ ނުލައި ސަރުކާރުން އެ ކުންފުނިތަކަށް ބިން ހަމަޖައްސައިދޭނެ ކަމަށެވެ.

ބީއެމްއެލް އިން އަޅާ ފްލެޓްތަކަށް ވެސް ސަރުކާރުން ބިން ހަމަޖައްސައިދިނީ ހިލެ އެވެ.

"މިއީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ގަންނަން ހުޅުވާލެވޭ ފްލެޓްތަކެއް ކަމަށް ވުމާ އެކު، ގަންނަ ފަރާތްތަކަށް ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސައިދޭނެ. މީގެ އިތުރުން އިމާރާތް ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގަން ވެސް ވަނީ ނިންމައިފައި،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވި ގޮތުގައި، އެ ލުއިތަކާ އެކު، "އެންޑް ޔޫސާ ފައިނޭންސް މޮޑެލް"ގެ ދަށުން ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ ބޮޑު އަގެއް ކަމަށް ކަނޑައަޅާފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ ބޮޑު އަގެއް ކަމަށް ކަނޑައަޅާފައި ވަނީ 1.8 މިލިއަން ރުފިޔާ އެވެ.

މިއީ މިހާރު ރިއަލް އެސްޓޭޓް މާކެޓުގައި ލިބެން ހުރި އަގުތަކާ އަޅާބަލާއިރު އެކަށީގެންވާ ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ މި ފްލެޓްތައް ވެސް ވިއްކާނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، އެންމެ މަތިން މާކްސް ލިބޭ މީހުންނަށް ކަމަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޭ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 31 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *