މާލެ ޓެކްސީގެ ޚިދުމަތް އޭޕްރީލް 9 ގެ ނިޔަލަށް ހިލޭ ކޮށްދޭ ގޮތަށް ހަމަޖައްސައިފި

މާލެ ސަރަހައްދުގައި ފެށި "މާލޭ ޓެކްސީ ލައިން" ގެ ޚިދުމަތް އާންމުންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މި މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ފީއަކާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހަމަޖައްސައިފިއެވެ.

އިއްޔެ ރަސްމީކޮށް އިފްތިތާހުކުރި މި ޚިދުމަތުގެ ދަށުން މިއަދުން ފެށިގެން ހިލޭ ދަތުރުތައް ފަށާފައިވާއިރު، އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި މީގެ މައިގަނޑު ބޭނުމަކީ ޚިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން އާންމު ރައްޔިތުންގެ ޚިޔާލާއި ފާޑުކިޔުންތައް ހޯދައި، ޚިދުމަތުގެ ފެންވަރު ވަޒަން ކުރުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ 1655 ހޮޓްލައިނަށް ގުޅައިގެން ދަތުރުތައް ހަމަޖެއްސޭނެ ކަމަށް ވެސް އެމްޓީސީސީން ވަނީ އިއުލާނުކޮށްފައެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ މިއީ ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އިންގިލާބީ ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ، ސަރުކާރުގެ މި ޓެކްސީ ލައިނުގެ ސަބަބުން މިހާރު ޚިދުމަތްދޭ އަމިއްލަ ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި ދެކުނުގެ އައްޑޫ ސިޓީއަށް ވެސް މި ޚިދުމަތް ފުޅާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *