ފެންނަ ނުފެންނަ ވޯޓު: ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް

މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އިއްޔެ ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 9,729 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 69.3 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 30.7 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.

މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ފަހިކުރުމަށް, ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ ފެބްރުވަރީ މަހުގެ 10ގައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން ފާސްކޮށްފައެވެ.

އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވަން ނިންމަވައިފައި ވަނީ، ފެންނަ ނުފެންނަ ވޯޓަށް ފަހުގައެވެ. ރައީސް ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ޚަރަދު ކުޑަވުމުގެ އިތުރުން، މަޖިލީހުން ޕާޓީއަކަށް ސުޕަމެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަވެ، އިންތިޚާބީ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ކަމާ ބެހޭ ބައެއް މާހިރުންނާއި އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

މިއަދު އޮތް އިންތިޚާބުތަކުގައި މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށައި، ކިޔޫތައް ބަންދުކޮށްފައިވަނީ 17:00ގައެވެ. އޭގެ ފަހުން ވޯޓު ގުނުމުގެ މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަން ވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން ވަނީ ދިފާއުކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *