ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިދިޔަ ލޯކަލް ކައުންސިތްކުގެ އިންތިހާބު ކެމްޕޭނުގައި ސަރުކާރު ޕާޓީ، ޕީއެންސީއަށް އެކަނި ފުރުސަތުދީ، އެހެން ޕާޓީތަކަށް ފުރުސަތު ނުދިން ސަބަބު ސާފުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ގްރޫޕުން އެދިއްޖެ އެވެ.
އެކަމަށް އެދުނީ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
ގާނޫނުގައި ބުނާގޮތުން ގައުމީ ކަންކަމުގެ ޚަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާއެކެވެ. އަދި އެ މީޑިއާ އިން ވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގެ ހަމަހަމަކަން ގާއިމް ކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓުގެ މައުލޫމާތު ދިނުމުގައި އެމްޑީޕީއަށް ފުރުސަތު ނުދިން މައްސަލަތަކެއް ފެންމަތިވި އެވެ.
އެ މައްސަލާގައި ޕީއެސްއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގަށް ވަނުމަށް މަސައްކަތްކޮށް ހަމަނުޖެހުންތަކެއް ވެސް ކުރިން ހިނގި އެވެ.


