ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލުތަކާއެކު، އެ ބޭންކުގެ މުވައްޒަފުން އޮފީހުގައި ހޭދަކުރަންޖެހޭ ވަގުތަށް ބޮޑު ލުޔެއް ދީފި އެވެ.
ޒަމާނީ ވަސީލަތްތަކުގެ އެހީގައި މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން، 1 އެޕްރީލް 2026 އިން ފެށިގެން މުވައްޒަފުންނަށް މެންދުރުފަހު 15:00 ގައި އޮފީސް ނިންމާލުމުގެ އިހުތިޔާރު ވަނީ ދީފަ އެވެ. މި ބަދަލަކީ މުވައްޒަފުންގެ ދުޅަހެޔޮކަމަށާއި، މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން ގެނައި ހެޔޮ ބަދަލެކެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ލުއިތައް ދީފައިވަނީ ބޭންކުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތެއްގެ މަތިންނެވެ. މިގޮތުން، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި ރިމޯޓްކޮށް މަސައްކަތްކުރެވޭނެ ވަސީލަތްތަކުގެ އެހީގައި، މުވައްޒަފުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ މަގު މިހާރު ވަނީ ފަހިވެފަ އެވެ. މީގެ ސަބަބުން ބޭންކިންގ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރެވޭއިރު، އޮފީހުގައި ތިބެގެން ހިދުމަތް ދޭންޖެހޭ މުވައްޒަފުން އެގޮތުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ އިހުތިޔާރުވެސް ވަނީ ދީފަ އެވެ.
މި ބަދަލާއެކުވެސް ކަސްޓަމަރުންނަށް ހިދުމަތްދޭ ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފަ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ކަސްޓަމަރުންނަށް ލިބެމުންދާ މަތީ ފެންވަރުގެ ހިދުމަތާއި ލުއިފަސޭހަކަން ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ އެވެ. ބޭންކުގެ ހިންގުމަށް ގެނައި މި އިސްލާހީ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ އެފިޝަންސީ އިތުރުވެ، ހިންގުމުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް އެ ބޭންކުން ލަފާކުރެ އެވެ.


