އީރާނަށް ހަތިޔާރު ވިއްކާ ގައުމުތަކުން 50 ޕަސެންޓް ޓެރިފް ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

އީރާނަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 އިންސައްތައިގެ ޓެރިފް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ދިގު މުއްދަތުގެ ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް އަސްކަރީ ހަތިޔާރު ސަޕްލައިކުރާ ގައުމަކުން އެމެރިކާއަށް ވިއްކާ މުދަލުން %50 ވަގުތުން ޓެކްސް ނަގާނެ ކަމަށެވެ. އަދި މި ނިންމުމުގައި އެއްވެސް ގައުމަކަށް އިސްތިސްނާވުމެއް ނުވަތަ މައާފެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި އިންޒާރު ދީފައި މިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދިޔަ ހަމަލާތައް ރޭގެ ވަގުތެއްގައި މެދުކަނޑާލާފައި ވަނިކޮށެވެ. މި ހަމަލާތައް މެދުކަނޑާލާފައިވަނީ ޕާކިސްތާނުން ހުށަހެޅި ހުށަހެޅުމަކަށް ދެ ހަފްތާގެ މުއްދަތަށެވެ. ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކަކާއި ނުރައްކާތެރި އިންޒާރުތަކެއް ކުރިމަތިކުރުވާފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ހުށަހެޅި 15 ނުކުތާގެ ތެރެއިން ގިނަ ނުކުތާތަކަކަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. މީގެ އިތުރުން، އީރާނަށް ޓެރިފް އަދި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތެއްވެސް ރައީސް ޓްރަމްޕް ވަނީ ކުރައްވާފައެވެ.

އީރާނާ ގުޅުން އޮންނަ ގައުމުތަކާއި ކުންފުނިތަކަށް އަމާޒުކޮށް ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވިއިރު، މީގެ ކުރިންވެސް ބައެއް ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފްތައް ނަގަން ޓްރަމްޕް ވަނީ ފައްޓަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *