އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅިން ދުވާލަކު ދަތުރުކުރެވޭނީ ގިނަވެގެން 15 އުޅަނދަށް ކަމަށް އީރާނުން ނިންމައިފިއެވެ.
ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން އީރާނުގެ އިސް މަސްދަރަކާ ހަވާލާދީ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ މަސްރަހު ފިނިކުރުމަށް އެޅި ފިޔަވަޅެކެވެ.
އީރާނާއި އޮމާންއާ ދެމެދު އޮންނަ 34 ކިލޯމީޓަރުގެ ފުޅާ މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން އީރާނުން މި ސަރަހައްދު ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު ކަނޑައަޅާފައިވާ 15 އުޅަނދުގެ ކޯޓާއަކީ ކުރިން ދުވާލަކު ދަތުރުކުރާ 80 އާއި 100 އާ ދެމެދުގެ އުޅަނދުތަކާ އަޅާބަލާއިރު 85 އިންސައްތައިގެ މަދުވުމެކެވެ.
މި ނިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. ބުރާސްފަތި ދުވަހު ބްރެންޓް ކްރޫޑްގެ އަގު 3.6 އިންސައްތަ މައްޗަށް ގޮސް ފީފާއެއްގެ އަގު 98.16 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޑަބްލިއު.ޓީ.އައި ކްރޫޑްގެ އަގު ވަނީ 5 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތެލުގެ އަގު އުފުލެނީ ހަކަތަ ފޯރުކޮށްދިނުމުގައި ދިގުމުއްދަތުގެ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މެރިޓައިމް އިންޓެލިޖެންސް އިދާރާތަކުން ހާމަކުރާ ގޮތުގައި އީރާނުން އިސްކަންދެނީ އެ ގައުމާ ރަހުމަތްތެރި ގައުމުތައް ކަމަށްވާ ޗައިނާ، ރަޝިޔާ އަދި ޕާކިސްތާނުގެ އުޅަނދުތަކަށެވެ. ނަމަވެސް އެމެރިކާ އަދި އިޒްރޭލާ ގުޅުންހުރި އުޅަނދުތަކަށް އަދިވެސް ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަށް ދީފައިވާ މި ފުރުސަތަކީ އިސްލާމްއާބާދުގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކަށް މަގުފަހިކުރުމަށް ދިން ފުރުސަތެއް ކަމަށެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން މި ފިޔަވަޅު ކުށްވެރިކޮށްފައިވާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އީރާނުން ދުނިޔޭގެ އިގްތިސާދު ރަހީނުކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ގަރާރެއް ޗައިނާ އާއި ރަޝިޔާއިން ވަނީ ވީޓޯކޮށްފަ އެވެ. އެ ގައުމުތަކުން ބުނަނީ މި މައްސަލަ ހައްލުކުރަންޖެހޭނީ އަސްކަރީ ބާރުގެ ބަދަލުގައި ޑިޕްލޮމެޓިކް މަގުން ކަމަށެވެ.


