ސުކޫކް ދެއްކުމުން ލިބޭނެ ކަމަށް ބެލެވުނު ފައިދާތައް ހަނގުރާމައިގެ ސަބަބުން އަދި ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
"ސްކޫކް ފައިސާ ދައްކާ ނިމުންއިރުގަ، އަންފޯޗުނެޓްލީ އަޅުގަނޑުމެން ހަނގުރާމައެއްގެ ތެރޭގައި ކަމަށްވީމަ މީގަ އަސްލު އެންމެ ބޮޑަށް ފައިދާ އަޅުގަނޑުމެން އިގްތިސާދަށް ނުލިބޭ ކަހަލަ ގޮތަކަށް މި ފެންނަނީ. އެކަމަކު އިރާދަކުރެއްވިއްޔާ ހަނގުރާމަ ނިމިގެންދާއިރު، އަޅުގަނޑުމެނަށް ރައީސް އެ ނެންގެވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފައިދާތައް ވާނެ. މެދުރާސްތާގަ ދަރަނީގެ ނިސްބަތް ކުޑަވެގެންދިއުމާ މިގޮތުން ލިބޭނެ ފައިދާތައް ހުންނާނެ. ﷲ ގެ ރަހުމަތުން އަޅުގަނޑުމެނަށް އެދުވަސް މާލަހެއް ނުވެ ފެނިގެންދާނެ." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއިން ސުކޫކް ދެއްކި ނަމަވެސް ދުނިޔޭގެ އިގްތިސާދު އޮތް ހާލަތުގެ ގޮތުން އަދި އެއްވެސް ކްރެޑިޓް ރޭޓިން އެޖެންސީއަކުން ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ހާލަތު އަދި ކުރިމަގަށް ލަފާކުރެވޭ ގޮތް އެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ޚަލާސްކޮށްފައިވަނީ އޭޕްރިލް 2 ވަނަ ދުވަހު އެވެ.
މި ފައިސާ ދެއްކުމުގައި ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ އެވެ. އެގޮތުން ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ވަނީ ދައްކާ ހަލާސްކޮށްފަ އެވެ.
އެހެންނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ފައިދާތައް އަދި ނުފެންނަކަން ފާހަގަކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ، މެދުރާސްތާގަ ދަރަނީގެ ނިސްބަތް ކުޑަވެގެންދިއުންފަދަ ފައިދާތައް މާލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ކަމަށެވެ. ދުނިޔެ އާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައި ވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިކަން ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.


