ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާރިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެބެންގެ ދެދަރި ބޭފުޅެކެވެ. ނަމަވެސް އަލީ އާރިފްގެ ކުއްލިއަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.

ރައީސް އޮފީހުގައި އަލީ އާރިފްގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އެކި ބޭފުޅުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވިކަން އަންގަވައި، ސިޓީތަކުގައި ސޮއިކުރެއްވުމާއި ރައީސްގެ ސެކްރެޓޭރިއޭޓުގެ މަސައްކަތްތަކެވެ.

އަލީ އާރިފް، ރައީސް މުއިއްޒާ އެކު މަސައްކަތް ކުރައްވަން ފެއްޓެވީ 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ކަންކަން ކުރައްވާނެކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އޭގެ ފަހުން ދައުލަތުގެ އެކި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ތެރޭގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރާއި ގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޖާހު ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.

އެކަމަކު، އެއިން އެއްވެސް ފިޔަވަޅެއްގެ ސަބަބު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *