ޗާގޯސް ޖަޒީރާ ރަށްތަކުގެ (ފޯޅަވަހި) ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމަކީ ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސި ބޮޑުވަޒީރު ސަރ ކީއަރ ސްޓާމަރ މި އެއްބަސްވުން މަޑުޖައްސާލުމަށް ނިންމެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އޮތް ގުޅުން ގޯސްވަމުންދާތީއާއި، މިކަމުގައި އެމެރިކާގެ ރަސްމީ ހުއްދަ ލިބިފައި ނުވާތީ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް ކުރިން ތާއީދުކުރެއްވި ނަމަވެސް، ފަހުން ޓްރަމްޕް ވަނީ މި އެއްބަސްވުން އުވާލުމަށް ބާރުއަޅުއްވާފަ އެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗާގޯސްގެ މުސްތަގުބަލާ މެދު ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި މި މަޑުޖައްސާލުމަކީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފަ އެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތަށް މުހިންމު ކަމެއް ކަމަށްވެސް ރާއްޖެއިން ފާހަގަކުރެ އެވެ.
އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެއްބަސްވުން މުޅިން ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގައި އިނގިރޭސި ގާނޫނުހަދާ މަޖިލިސް އުވާލުމުގެ ކުރިން މިކަމާ ގުޅޭ ގާނޫނުތައް ފާސްކުރުމަށް އެކަށީގެންވާ ވަގުތެއް ނެތް ކަމަށާއި، އެމެރިކާގެ ފަރާތުން ބޭނުންވާ ގާނޫނީ ލިޔެކިޔުންތައް އަދި ލިބިފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް އަހަރަކު ގާތްގަނޑަކަށް 136 މިލިއަން ޑޮލަރު މޮރިޝަސްއަށް ދައްކަން ޖެހޭ ގޮތަށް ކުރިން އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް މިހާރު މިވަނީ މި ހުރިހާ ކަމެއް މަޑުޖެހިފަ އެވެ.
ޗާގޯސް މޮރިޝަސްއަށް ހަވާލުކުރުމަށް ހަދާފައިވާ އެއްބަސްވުން ރާއްޖެއިން ބަލައިނުގަންނަ ކަމަށާއި އެ މައްސަލަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރާނެކަން ދިވެހި ސަރުކާރުން ރަސްމީކޮށް ވަނީ އިނގިރޭސިވިލާތަށް އަންގާފަ އެވެ. ދިވެހިރާއްޖެއިން މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅައިފި ނަމަ، މިއީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް ބީބީސީން ބުނެފައިވެ އެވެ.
ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ދެކޮޅު ހެދުމުން މޮރިޝަސްއިން ވަނީ ރާއްޖެއާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ.


