ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރުކޮށްފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ގޯތިގެދޮރު ޕްރޮގްރާމާއި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކާއި ކެޓަގަރީތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތު، 31 މެއި 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ މި ސްކީމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

މުއްދަތު އިތުރުކުރި ސްކީމްތަކުގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓާއި ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުވާލާފައިވާ ކެޓަގަރީތައް ހިމެނެ އެވެ. އޭގެ ތެރޭގައި، ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވީ ނަމަވެސް ފްލެޓް ހަވާލުނުކުރެވޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތައް ހިމެނެ އެވެ.

މީގެ އިތުރުން "ބިންވެރިޔާ" ހާއްސަ ސްކީމުގެ ދަށުން ހުޅުވާލާފައިވާ ދެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއާއި، ބިންވެރިޔާ ސްކީމަށް ކުރިމަތިލީއިރު ފްލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލުމަށްފަހު ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކެޓަގަރީ އެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މި ފުރުސަތުތަކުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *